ޚަބަރު

ރޯދަމަހު ސްކޫލްތައް ފަށާނީ ހެނދުނު 9:00 ގައި


އަންނަ ރަމަޟާންމަހު ސްކޫލްތަކުގެ ކިޔަވައިދޭ ގަޑިތަކަށް ގެނެސްފައިވާ ބަދަލުތައް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހާމަކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ އެމިނިސްޓްރީން ނެރެފައިވާ ސަރކިއުލަރއެއްގައެވެ.

މިއަހަރުގެ ރަމަޟާންމަހު ސްކޫލްތަކުގެ ކިޔަވައިދިނުމުގެ ކަންކަން އިންތިޒާމްކުރުމަށް އެޑިއުކެޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގާފައިވާ ސަރކިއުލަރގައިވަނީ ހެނދުނުގެ ދަންފަޅީގެ ކިޔެވުން ހެނދުނު 8:40 އާއި 9:00 އާ ދެމެ ފެށުމަށާއި، މެންދުރު ފަހުގެ ދަންފަޅި 11:00 އާއި 13:00 އާ ދެމެދު ފެށުމަށް އަންގާފައެވެ.

ހުރިހާ ސްކޫލްތަކެއްގެ ކިޔަވައިދިނުމުގެ ވަގުތު ކަނޑައަޅަންވާނީ މެންދުރުފަހު ތިނެއްގެ ކުރިން ނިންމާގޮތަށްކަމަށްވެސް ސަރކިއުލަރގައިވެއެވެ. އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވާގޮތުގައި ޔޫކޭޖީ އަދި އެލްކޭޖީ ގެ ދަރިވަރުންނަށް ކިޔަވައިދޭ ދަންފަޅީގެ ދިގުމިނަކީ އެއްގަޑި ތިރީސް މިނެޓެވެ. ގްރޭޑް އެކަކުން ފެށިގެން ހަތެއްގެ ކްލާސްތައް ކުރިއަށްދާނީ ދެގަޑި ތިރީސް މިނިޓަށްކަމަށްވެސް އެމިނިސްޓްރީންވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން ގްރޭޑް އަށަކުން ދިހައެއްގެ ކްލާސްތައް 3 ގަޑި އިރަށް، ގްރޭޑް އެގާރައާއި ބާރާއިގެ ކްލާސްތައް ހަރަތުގަޑިއިރަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖައްސާފައެވެ. މިނިސްޓްރީން ނެރެފައިވާ ސަރކިއުލާރގައި ބުނެފައިވަނީ އެއްދަންފަޅިއަށް ކުރިއަށްގެންދާ ސްކޫލްތަކުގައި ހަތަރު ގަޑިއިރަށްވުރެ އިތުރުނުވާނެހެން ކުރިއަށްގެންދަންޖެހޭކަމަށެވެ.

ސްކޫލްތަކުން ރަމަޟާންމަހުގެ ގަޑިތައް އިންތިޒާމްކުރާއިރު ފަސޭހަކަމާއެކު ނަމާދު ކުރެވޭނެގޮތަކަށް ގަޑިތައް ހަމަޖެއްސުމަށާއި ސްކޫލްގެ ގަޑިތަކުގައި ކުރާ މަސައްކަތް ނިންމައި ދަރިވަރުންނާއި މުދައްރިސުންނަށް ގެޔަށްދެވޭނެފަދަގޮތަކަށް ހަމަޖެއްސުމަށްވެސްވަނީ އަންގާފައެވެ. ރޯދަމަހުގެ ކިޔަވައިދޭގަޑިތަކުގެ ދިގުމިން އެހެން މަސްމަހަށްވުރެ ކުރުވާނެކަމަށާއި އެގޮތުން ޕީރިއެޑްތަކުގެ ދިގުމިނަކީ ގާތްގަޑަކަށް ތިރީސް މިނިޓާއި ސާޅިސް މިނިޓާ ދެމެދުގެ ގަޑިތަކެކަމަށް މިނިސްޓްރީންވަނީ އަންގާފައެވެ.

ސްކޫލްގެ އިތުރުގަޑީގެ ޙަރަކާތްތައް ރޭގަނޑު ކުރިއަށްގެންދިޔަނަމަވެސް މަޣްރިބް ނަމާދާއި ޢިޝާ ނަމާދު ގަޑިއާ ދެމެދު އެއްވެސް ޙަރަކާތެއް ކުރިއަށް ނުގެންދިއުމަށް އެޑިއުކެޝަން މިނިސްޓްރީންވަނީ އަންގާފައެވެ. އަދި ރަމަޟާން މަހުކުރިއަށްދާ އިޙްޔާކުރުމުގެ ކަންކަމަށްވެސް ބުރޫނާރާގޮތަށް ރޭގަނޑުގެ ގަޑިތައް ހަމަޖެސުމަށްވަނީ އަންގާފައެވެ. އަދި ޝައްވާލް މަހުގެ ފުރަތަމަ ހަތްދުވަހު ސަރުކާރުގެ އޮފީސްތަކުގެ ރަސްމީ ގަޑީގެ ގޮތުގައި ރައިސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވަނީ ރަމަޟާން މަހުގެ ގަޑިތަކާއެއްގޮތަށް ކަމަށްވުމުން ސްކޫލްތަކުގެ ކިޔެވުންވެސް އެ ހަތްދުވަހު ކުރިއަށްގެންދާނީ ރަމަޟާން މަހާއެއްގޮތަށްކަމަށް ވަނީ ހާމަކޮށްފައެވެ.