ޚަބަރު

ރާއްޖޭގައި ބާއްވާ ބައިނަލްއަޤުވާމީ ޤުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލުކުރާނެ މީހަކު ހޮވަނީ


އައްނޫރުލް މުބީން ޤުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލުކުރާނެ މީހަކު ހޮވުމަށް ބާއްވާ އޮޑިޝަންގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

ކީރިތި ޤުރްއާނާބެހޭ މަރުކަޒުން ޢާއްމުކޮށްފައިވާ ޢިއުލާނުގައި ބުނެފައިވަނީ އަންނަ މެއި މަހުގެ އެއްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އޮޑިޝަނުގައި ބައިވެރުވުމަށް އޭޕްރީލް މަހުގެ ނަވާރަ ވަނަ ދުވަހުގެ މެންދުރުފަހު 1400 ގެ ކުރިން ލިޔުމަކުން އެމަރުކަޒަށް ހުށައަޅަންޖެހޭކަމަށެވެ. އޮޑިޝަނުގައި ބައިވެރިވުމަށް ހުށަހެޅޭނީ ޢުމުރުން އަށާރަ އަހަރުވެފައިވާ މީހުންނަށް ވުމާއި ތަޖުވީދުމަގުން ދިގުރާގަށް ޤުރްއާން ކިޔަވަން އެނގޭމީހުންނަށް ވާންޖެހޭކަމަށް އެ ޢިއުލާނުގަ ބުނެފައިވެއެވެ.

މިޝަރުތުތައް ފުރިހަމަވާ މީހުން މިމަހުގެ ނަވާރަވާ ބުރާސްފަތިފުވަހު އެކަމަށް އެދި އަޑީކާޑުގެ ކޮޕީއަކާއެކު ސިޓީ ހުށަހެޅުމަށް ކީރިތި ޤުރުއާނާބެހޭ މަރުކަޒުންވަނީ ޢިއުލާންކޮށްފައެވެ. މިމުބާރާތުގައި ކޮންމެ ޤައުމަކުންވެސް ބައިވެރިވޭނީ އެންމެ ބައިވެރިއަކަށެވެ.

ރައިސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދަޢުވަތަކަށް ރާއްޖޭގައި ބާއްވާ ބައިނަލްއަޤުވާމީ ޤުރުއާން މުބާރާތުގައި ބައިވެރިވާ ޤައުމުތަކުގެ ތެރޭގައި މިސްރު، ސޫދާން، ސަޢޫދީއަރަބިއްޔާ، ޔޫ،.އޭ.އީ، ތުރުކީ، ޕާކިސްތާން، ބަންގްލަދޭޝް، އިންޑޮނޭޝިޔާ، މެލޭޝިއާ، ސްރީލަންކާ ހިމެނެއެވެ.

މިމުބާރާތަކީ ރާއްޖޭގައި ބާއްވާ ބައިނަލްއަޤުވާމީ ފުރަތަމަ ޤުރުއާން މުބާރާތެވެ. މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި ޕަބްލިކް ސަރވިސް މީޑިއާއާއި ކީރިތި ޤުރުއާނާބެހޭ މަރުކަޒް ގުޅިގެންނެވެ.