ޚަބަރު

ޒުވާނުން ދަނޑުވެރިކަމަށް ނެރުމަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫން 2013ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ނުކުމެވަޑައިގަތީ ރައްޔިތުންނަށް އުޖާލާ މުސްތަޤްބަލެއް ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެ ވަޢުދުވެވަޑައިގަންނަވަމުންނެވެ. އުފާވެރި ޙަޔާތެއްގެ ދަންމަރު ރައީސް ޔާމީން ދިއްލާލިއިރު އެ ދަންމަރުން ރައްޔިތުންނަށް އާ އުއްމީދެއް ލިބިގެންދިޔައެވެ. އޭގެތެރޭގައި އެންމެ ބޮޑު އަލިކަމަކާއި އުފަލެއް ލިބިގެންދިޔަ އެއް ބަޔަކަށް ހަމަގައިމުވެސް ދަނޑުވެރިން ވާނެއެވެ.

ރައީސް ޔާމީންގެ "ޔަޤީން" މެނިފެސްޓޯގައި އެންމެ ފުރަތަމަވެސް ބުނެފައިވަނީ ރާއްޖޭގައި ދަނޑުވެރިކަން ކުރާ މީހުންގެ ޢަދަދު 5000އިން 10،000އަށް އިތުރުކުރާނެ ކަމަށެވެ. އަދި އެވްރެޖު ޢާމްދަނީ މަހަކު 10،000 ރުފިޔާއަށް އިތުރުކުރާނެ ކަމަށާއި މުސާރައިގެ ގޮތުގައި ކޮންމެ އަތޮޅަކަށް އަހަރަކު 6 މިލިއަން ރުފިޔާ ލިބިގެންދާނެ ކަމަށް ރައީސް ޢަބްދުﷲ ޔާމީންގެ ރިޔާސީ މެނިފެސްޓޯގައި ބުނެފައިވެއެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ހަތަރު އަހަރުދުވަހުގެ ތެރޭގައި ރާއްޖޭގެ 78 ރަށަކުން 544 ފިރިހެނުންނާއި 3,992 އަންހެނުން ހިމެނޭ ގޮތަށް ޖުމްލަ 7,536 ދަނޑުވެރިން ފިޝަރީޒް މިނިސްޓްރީގައި ވަނީ ރަޖިސްޓްރީ ކުރެވިފައެވެ.

ރައީސް ޔާމީންގެ މެނިފެސްޓޯގައިވެސް އެންމެ ބޮޑު އެއްބައެއް އަމާޒުކޮށްފައިވަނީ ޒުވާނުންނަށެވެ. ޒުވާނުންނަށް ހުރިހާ ދާއިރާއަކުންވެސް ކުރިއެރުން ލިބިގެންދާނެ ގޮތަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ބަޔާންކޮށްފައިވާއިރު ދަނޑުވެރިކަމަކީވެސް ދިވެހި ޒުވާނުން އެ ދާއިރާއަށް ޝަޢުގުވެރި ކުރުވާ ދާއިރާއަކަށް ހެދުމަށް ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ފިޝަރީޒް މިނިސްޓްރީން ވަނީ ޒުވާނުން ދަނޑުވެރިކަމުގެ ސިނާޢަތުގައި ބައިވެރިކޮށް ޒުވާނުންނަކީ އެ ދާއިރާގައި މަސައްކަތް ކުރާ ބަޔަކަށް ހެދުމަށް ލޯނު ސްކީމެއް ތަޢާރަފްކޮށްފައެވެ.
އެގޮތުން ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި 5.8 މިލިއަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ވަނީ ދޫކޮށްފައެވެ.

ސަރުކާރުން ދޫކުރި މި ލޯން ސްކީމު މެދުވެރިކޮށް 86 ޒުވާނަކަށް ވަނީ ލޯނު ލިބިފައެވެ. އޭގެތެރޭގައި ހިމެނެނީ 50 ފިރިހެނުންނާއި 36 އަންހެނުންނެވެ. މި ލޯން ސްކީމުގައި ރާއްޖޭގެ ނުވަ އަތޮޅެއްގެ ޒުވާނުން ވަނީ ބައިވެރިވެފައެވެ. އެއީ އއ.އަތޮޅާއި ގދ.އަތޮޅާއި ކ.އަތޮޅާއި ހއ.އަތޮޅާއި ލ.އަތޮޅާއި ރ.އަތޮޅާއި ތ.އަތޮޅެވެ. އަދި އައްޑޫ ސިޓީގެ ޒުވާނުންނާއި ފުވައްމުލަކު ސިޓީގެ ޒުވާނުންނަށްވެސް މި ލޯން ސްކީމުގައި ވަނީ ބައިވެރިވެފައެވެ.

ރައީސް ޔާމީންގެ ރިޔާސީ މެނިފެސްޓޯގައި ދަނޑުވެރިންނަށް ކޮށްދޭނެ ކަމަށްބުނެ އިތުރު ވަޢުދުތަކެއްވެސް ވަނީ ވެވަޑައިގެންފައެވެ. އެގޮތުން ދަނޑުވެރިޔާއަށް ޙައްޤު އަގު ލިބިގެން ދިއުމާއި ދަނޑުވެރިކަމުން ޢާންމު ފަރުދުންނަށް ނަފާ ލިބޭނެ ކާނާގެ ޔަޤީންކަށް ދިނުމަކީވެސް ރައީސް ޔާމީންގެ ރިޔާސީ މެނިފެސްޓޯގައި ބަޔާންކޮށްފައިވާ ކަންތައްތަކެވެ. ދަނޑުވެރިންނަށް ވެފައިވާ ވަޢުދުތައް ރައީސް ޔާމީންގެ ފަސް އަހަރުގެ ވެރިކަމެއް ނިމިގެންދާއިރު ހުންނާނީ ފުދިފައިކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ.