ޚަބަރު

ރާއްޖޭގެ ދެކުނުގެ މަސްވެރިކަން އިންތިހާއަށް ރަނގަޅުވެ ދޯނިތަކުން އެެތައް ޓަނެއްގެ މަސް ބާނައިފި


ރާއްޖޭގެ ދެކުނުގެ މަސްވެރިކަން އިންތިހާއަށް ރަނގަޅުވެ ދޯނިތަކުން އެެތައް ޓަނެއްގެ މަސް ބާނައިފިއެވެ.
ދެކުނަށް މަސްވެރިކަން ރަގަޅުވެ ފާއިތުވި ދެ ދުވަހު އެ ސަރަހައްދުގެ ދޯނިތަކުންވަނީ 10 ޓަނަށްވުރެ ގިނައިން މަސްބާނާފައެެވެ. އަދި ބައެއް ދޯނިތަކުން 40 ޓަނުންވެސް މަސް ބާނާފައިވާކަމަށް އެ ސަރަހައްދުގެ މަސްވެރިން ބުނެއެވެ.
އިއްޔެ މަސް ކިރުވުމަށް ކޫއްޑޫއަށް ގޮސް ކިއުގައި ތިބި ބައެއް މަސްދޯނި ފަހަރު މިއަދު ހެނދުނު ވީއިރުވެސް ކިއުގައި ތިބިކަމަށް މަޢުލޫމާތު ލިބެއެވެ. މި މަސްދޯނިތަކަށް މިފްކޯއިން ވަނީ ހިލޭ އައިސް ފޯރުކޮށްދީފައެވެ.

މިފްކޯއިން ވެސް ބުނީ ދެކުނަށް މަސްވެރިކަން ރަގަޅުވެ މަސްކިރުވުމާއި، މަސްވެރިންނަށް ބޭނުންވާވަރަށް އައިސް ފޯރުކޮށްދިނުމަށް ދަތިތަކެއް ދިމާވަމުންދާކަމަށެވެ. އެހެންނަމަވެސް އެ ކުންފުނީގެ ފުލް ކެޕޭސިޓީގައި މަސް ގަތުމަށް ތައްޔާރުވެފައިވާކަމަށް މިފްކޯއިން ބުނެއެވެ. އަދި މަސްވެރިން ބާނާ މަސް ތާޒާކަމާއެކު ގަނެ، މިހާރު އުފެދިފައިވާ މަސްވެރިކަމުގެ މަންފާ މަސްވެރިންނަށް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާކަމަށް އެކުންފުނިން ބުނެއެވެ.

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައި 200 އާއި ގާތްކުރާ އަދަދަކަށް މަސްދޯނިފަހަރު އޮންނައިރު، ރާއްޖޭގެ އެހެން ސަރަހައްދުތަކުންވެސް ދޯނިފަހަރު އެސަރަހައްދަށްގޮސް މަސްވެރިކަން ކުރަމުންދެއެވެ.