ދުނިޔެ

މެލޭޝިޔާގެ ޤާނޫނު ހަދާ މަޖިލިސް އުވާލާނެކަމަށް ބޮޑުވަޒީރު އިޢުލާންކުރައްވައިފި


މެލޭޝިއާގެ ޤާނޫނުހަދާ މަޖިލިސް އުވާލުމަށް ބޮޑުވަޒީރު ނަޖީބު އަބްދުއްރައްޒާގް ނިންމަވައިފިއެވެ.
މިކަން އިޢުލާންކުރައްވަމުން ބޮޑުވަޒީރު ވިދާޅުވީ، މިއަދު ޤާނޫނު ހަދާ މަޖިލިސް އުވާލައްވާނެކަމަށާއި އެ ކަމަށް މެލޭޝިޔާގެ ރަސްގެފާނުގެ ރުހުންވެސް ލިބިވަޑައިގެންފައިވާކަމަށެވެ.
މެލޭޝިއާގެ ގާނޫނު ހަދާ މަޖިލިސް އުވާލުމަށް ނިމްމަވާފައިމިވަނީ، އެ މަޖިލީހުގެ މުއްދަތު ހަމަވުމުގެ ދެ މަސްދުވަސް ކުރިންނެވެ.
މެލޭޝިޔާގެ ޤާނޫނުއަސާސީ ބުނާގޮތުން، ޤާނޫނު ހަދާ މަޖިލިސް އުވާލާތާ ފަސްދޮޅަސް ދުވަހުގެ ތެރޭގައި އާންމު އިންތިޚާބެއް ބާއްވައި އައު މަޖިލީހެއް އުފައްދަންޖެހެއެވެ. އެހެންކަމުން ޖޫން މަހުގެ ފަސްވަނަ ދުވަހުގެ ކުރިން މެލޭޝިޔާގައި އާންމު އިންތިޚާބު ބާއްވަން ޖެހޭތީ، އިންތިޚާބު ބާއްވާނެ ތާރީޚެއް މެލޭޝިޔާގެ އިންތިޚާބުތަކާބެހޭ އިދާރާއިން މި ފެށޭ ހަފުތާގައި އިޢުލާންކުރާނެކަމަށް ވަނީ ބެލެވިފައެވެ.
ކުރިއަށް އޮތް އިންތިޚާބަށް ނަޖީބު ރައްޒާޤު ކުރިމަތިލައްވާނީ އޭނާގެ ޕާޓީ ކަމަށްވާ ޔުނައިޓެޑް މެލޭސް ނޭޝަނަލް އޯގަނައިޒޭޝަން (އަމްނޯ) އާއި އެ ޕާޓީއާ ގުޅިފައިވާ ތޭރަ ޕާޓީ ހިމެނޭ އިއްތިޙާދެއްގެ ތެރެއިނެވެ. އިދިކޮޅުން މެލޭޝިޔާގެ އިންތިޚާބަށް ނެރޭނެކަމަށް ބެލެވެނީ، ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ގެންދަވާ ކުރީގެ އިދިކޮޅު ލީޑަރު އަންވަރު އިބްރާހީމްގެ އަނބިކަނބަލުން އަޒީޒާ އިސްމާއީލެވެ.