ދުނިޔޭގެ ޞިއްޙަތު ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އެޕްރީލް މަހުގެ ހަތްވަނަ ދުވަހެވެ.
ވަކި ޚާއްސަ ޝިޢާރެއްގެ ދަށުން ޞީއްޙީ ގޮތުން މުހިންމު މެސެޖެއް ދިނުމަށް ފާހަގަކުރަ މިދުވަސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 1950 ވަނަ އަހަރުން ފެށިގެން ވަރަށް ކުލަ ގަދަކޮށް ފާހަގަކުރެއެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން މިއަހަރު ކަނޑައަޅާފައިވާ ޝިޢާރަކީ "ޔުނިވަރސަލް ހެލްތް ކަވަރޭޖް- އެވްރީވަން، އެވްރީ ވެއަރ" ނުވަތަ "ޞިއްޙަތު ކައުނީހިޔާ - ކޮންމެ މީހަކަށް ކޮންމެ ތާކުން" މި ޝިޢާރެވެ. ދުނިޔޭގެ އާބާދީގެ އެންމެން ޙިއްސާކޮށް، އެއްވެސް މީހަކު ބާކީނުވާނެފަދަ ގޮތަކަށް ޞީއްޙީ ޚިދުމަތް ބައްޓަންކޮށް ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމާއި ޞިއްޙީ ފަރުވާ އެންމެނަށް ވެސް ޙައްޤުވާކަމާމެދު ހުރިހާ ފަންތިއެއްގެ މީހުން ހޭލުންތެރިކުރުވުމަކީ މިފަދަ ޝިޢާރެއް ޑަބްލިއު އެޗްއޯއިން ކަނޑައެޅުމުގެ މަޤުޞަދެވެ.
މިޝިޢާރުގެ ސަބަބުން ޤައުމުތަކުން 2015 ވަނަ އަހަރު ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރެއިން ޞީއްޙީ ގޮތުން ޙާސިލުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާޞިލުވުމަށް ވެސް މަގުފަހިވެގެންދާނެއެވެ. ދުނިޔޭގެ އާބާދީ ހަތް ބިލިއަނަށްވުރެ އިތުރުވެފައިވާއިރު ރައްކާތެރި ގޮތެއްގައި ޞިއްޙީ ޚިދުމަތް ދުނިޔޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވެސް ނުލިބޭކަން ޑަބްލިއުއެޗްއޯގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެކަށީގެންވާ ޞިއްޙީ ފަރުވާ ހޯދުމުގައި ގިނަ ބަޔަކަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މާލީ ގޮތުން ޞިއްޙީ ފަރުވާގެ އަގު ބޮޑުވުމެވެ.
އާބާދީ ބޮޑު ބައެއް ޤައުމުތަކުގެ ކެރިފޯރުންތެރިކަން ކުޑަވެ، ޞިއްޙީ ގޮތުން ދިމާވާ އެކި ބަލިތަކަށް އެކަށީގެންވާ ފަރުވާ ހޯދުމުގެ ޤާބިލުކަން ކުޑަވުމެވެ.
ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ ޑަބްލިއުއެޗްއޯއިން މިއަހަރަށް ކަނޑައަޅާފައިވާ ޝިޢާރުގެ ދަށުން މިފަރަޤު ކުޑަކުރުމަށް މަސައްކަތްކުރުމަށް އެޖަމްޢިއްޔާއިން ވަނީ ޤައުމުތަކުގެ ވެރިންނަށް ގޮވާލާފައެވެ. ރާއްޖެއިންވެސް ދަނީ މި ޢަމާޒަށް ވާސިލުވުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދާން ކުރަންޖެހޭ ހޭދަކުޑަކުރުމަށް ސަރުކާރުންދަނީ މަސައްކަތްކުރަމުންނެވެ.
އަށްސަތޭކަ މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކުރާ ދަރުމަވަންތަ ހޮސްޕިޓަލް ފާހަގަކޮށްލެވެއެވެ. އަދި ސުޕަރ ސްޕެޝަލިސްޓުންގެ ޚިދުމަތަކާއެކު ހުޅުމާލޭގައި ޤާއިމްކޮށްފައިވާ ޓްރީޓޮޕް ހޮސްޕިޓަލާއި ރާއްޖޭގެ އެކި ޞަރަޙައްދުތަކުގައި ތަރައްޤިކުރަމުންދާ ޓަރޝިއަރީ ފެންވަރުގެ ހޮސްޕިޓަލްތަކަކީ ފެންވަރު ރަނގަޅު ޚިދުމަތެއް އަތްފޯރާ ފަށުން ފޯރުކޮށްދިނުމަށް ސަރުކާރުންކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މަޝްރޫޢުތަކެކެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރަމުން ދާއިރު ރާއްޖޭގައި ރަސްމީގޮތުން މިއަހަރު މިދުވަސް ފަހަގަކުރަނީ މިމަހުގެ 14 ވަނަ ދުވަހު އދ. މަހިބަދޫގައެވެ. އަދި މިދުވަސް ފާހަގަކުރުމަށް ރާއްޖޭގެ އެކި ރަށްރަށުގައިވެސް ތަފާތު ޙަރަކާތްތައް ރާވާ ެއެހިންގަމުންދާކަން ފާހަގަކޮށްލެވެއެވެ.