ޚަބަރު

ސްކޫލްތަކުގެ އިސްވެރިންނާއި، މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް





 


ސްކޫލްތަކުގައި ބީޓެކް ޕްރޮގްރާމް ތަޢާރަފްކުރުމުގެ ގޮތުން ސްކޫލްތަކުގެ އިސްވެރިންނާއި، މުދައްރިސުންނަށް އަމާޒުކޮށްގެން، ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އިން އެޑެކްސެލްއާ ގުޅިގެން މަސައްކަތު ބައްދަލުވުމެއް ފަށައިފިއެވެ.


 
މިއަދު ފެށި މި ބައްދަލުވުން ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު ޝިހާމް ވިދާޅުވި މާލެއާ އަތޮޅުތަކުގެ  17 ސްކޫލެއްގައި މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މި ޕްރޮގްރާމުގައި މިހާތަނަށް 350 ކުދިން ބައިވެރިވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.


 
މިނިސްޓަރ ވިދާޅުވީ މި ޕްރޮގްރާމަކީ ގިނަ ރޮނގުތަކެއް އެކުލެވޭ ބައިނަލް އަގްވާމީ ޕްރޮގްރާމެއްކަމަށާއި، މި ޕްރޮގްރާމަތްކުން ލިބޭ ނަތީޖާ އަކީ އޯލެވެލް ނުވަތަ އޭލެވެލްއަށް ބަދަލުކުރެވޭ ނަތީޖާތަކެއްކަމަށެވެ.


 
ރާއްޖޭގައި ބީޓެކް ފަށާއިރު، މި ޕްރޮގްރާމުގެ ދަށުން ކުރިޔަށްގެންދާނީ  ބޭނުންތެރި އަދި ކޯސްނިންމުމަށްފަހު ވަޒީފާތަކަށް ފަހިވާފަދަ ކޯސްތަކެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.


 
މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ އަދި ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން ހިންގެވުމާ ހަވާލުވެހުންނެވި އާދަމް ޝަރީފް ވިދާޅުވީ  މި ޕްރޮގްރާގެ ސަބަބުން ރާއްޖެއިން ލިބެން ނެތް ފުރުސަތުތައްވެސް ދަރިވަރުންނަށް ލިބިގެންދާނެކަމަށެވެ. އަދި މިކަމުގެ ސަބަބުން ކުދިން ޝައުގުވެރިކަން ހުރި ދާއިރާތަކުން ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.


 
 


މި މަސައްކަތު ބައްދަލުވުން ކުރިޔަށްދާނީ މާދަމާގެ ނިޔަލަށެވެ. އަދި މި ބައްދަލުވުމުގައި ކިޔަވައިދެއްވާނީ އެޑެކްސެލްގެ ބޭފުޅުންކަމަށް އެން އައި އީން ވިދާޅުވެއެވެ.