ޚަބަރު

ޑރ އިބްރާހީމް ޒަކަރިއްޔާ މުސާ ލިޔުއްވި ދެ ފޮތެއް ނެރެފި


މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ލިޔުއްވި ދެ ފޮތެއް އިސްލާމިކު ޔުނިވަރސީޓިން ނެރެފިއެވެ.
އަމިއްލަ ދިރާސާތަކަށް އަލިއަޅުއްވާލައްވާ ޒަކަރިއްޔާ މޫސާ ލިޔުއްވި "ކީރިތި ޤުރުއާނުގެ ދިފާޢުގައި" އާއި ދިވެހިބަހަށް ތަރުޖަމާކުރެއްވި "އިސްލާމީ މާލީ މުޢާމަލާތަށް މަގެއް" މި ދެ ފޮތް ނެރެދެއްވީ އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސަޢީދު.
"ކީރިތި ޤުރުއާނުގެ ދިފާޢުގައި" މިފޮތަކީ ޣައިރު މުސްލިމުން ކީރިތި ޤުރުއާނާ މެދު ފަތުރާ ދޮގުވާހަކަތަކާއި އެފަދަ ވާހަކަތަކުގެ ޙަގީގަތުގެ މައްޗަށް ކޮށްފައިވާ އެކި ދިރާސާތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ފޮތެކެވެ. އަދި "އިސްލާމީ މާލީ މުޢާމަލާތަށް މަގެއް" މި ފޮތަކީ މި ޒަމާނުގެ އެކި މުޢާމަލާތްތަކުގައި އިސްލާމިކް ފައިނޭންސް ބޭނުންކުރުމާއި ގުޅޭގޮތުން މުފްތީ މުޙައްމަދު ތަޤީ ޢުޘްމާނީ ލިޔުއްވާފައިވ ފޮތުގެ ތަރުޖަމާއެކުވެ.
މި ދެފޮތް ނެރެދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސަޢީދު ވިދާޅުވީ ބޭރުގެ އެކި ބަސްބަހުން ލިޔެފައިވާ ފޮތްތައް ދިވެހިބަހަށް ތަރުޖަމާކޮށް ޢިލްމު ފެތުރުމުގެ ޘަޤާފަތް ދިވެހިންގެ ތެރޭގައި އަލުން އުފައްދަންޖެހޭކަމަށެވެ. އަދި އިސްލާމިކް ޔުނިވަރސިޓީގައި އަމާޒަކީ އަހަރަކު އެއްފަހަރު އިލްމީ ދިރާސާތަކުގެ މައްޗަށް ލިޔެފައިވާ ފޮތްތައް ނެރުންކަމަށެވެ.
ޑރ އިބްރާހީމް ޒަކަރިއްޔާ ލިޔުއްވި މި ދެ ފޮތް އެނާ ވަނީ އިސްލާމިކް ޔުނިވަރސިޓީއަށް ހަދިޔާކުރައްވާފައެވެ. އަދި މިފޮތްތައް ވިއްކައިގެން ލިބޭ ފައިސާ ހަރަދުކުރާނީ އިސްލާމިކް ޔުނިވަރސިޓީގެ ތަރައްޤީއަށްކަމަށް އެ ޔުނިވަރސިޓީން ބުނެއެވެ. ދީނީ އެކި މަޢުލޫމާތުތައް ފޯރުކޮށްދިނުމަށް އެކި ދިރާސާތަކުގެ މައްޗަށް އެކުލެވޭ ފޮތްތައް ނެރުމުގެ މަސައްކަތް އިސްލާމިކް ޔުނިވަރސިޓީން ކުރަމުން އަންނަ މަސައްކަތުގެ ދަށުން އަންނަ ހަފްތާގައިވެސް އިތުރު ފޮތްތަކެއް ނެރުމަށް ހަމަޖެހިފައިވާކަމަށްވެސް އެ ޔުނިވަރސިޓީން ބުނެއެވެ.