ޚަބަރު

ސިފައިންގެ އަހަރީ ބަޑި މުބާރާތް ނިންމާލައިފި


އަލްމަރުޙޫމް މޭޖަރ އިނގިރޭސި ޢުމަރު މަނިކުގެ ހަނދާނީ ވާދައިގެ ތައްޓަށް ބޭއްވި ސިފައިންގެ އަހަރީ ބަޑި މުބާރާތް ނިންމާލައިފިއެވެ.
މާރޗް މަހުގެ 24 ވަނަ ދުވަހުން ފެށިގެން ގިރިފުށީގައި ކުރިއަށްގެންދިޔަ މި މުބާރާތުގައި އެންމެ މޮޅު ބަޑިޖެހުންތެރިޔާގެ މަޤާމް ޙާސިލްކޮށްފައިވަނީ ސާރޖެންޓް އަޙްމަދު ޙުސެއިން ދީދީއެވެ. އަދި ޓީމް އިވެންޓްތަކުގައި ގިންތި 1 ގެ 1 ވަނަ ޓީމަކީ ސިފައިންގެ ސެޕެޝަލް ފޯސަސްއެވެ. އަދި ގިންތި 2 ގެ 1 ވަނަ ޓީމަކީ ސެޕެޝަލް ޕްރޮޓެކްޝަން ގްރޫޕެވެ.
މި މުބާރާތް ނިންމުމުގެ ގޮތުން ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވަނަ ވަނައަށް އައި ފަރާތްތަކަށް ތައްޓާއި، މެޑައްޔާއި، ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު ޢުމަރާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދެވެ.
ސިފައިންގެ ބަޑި މުބާރާތަކީ އަލްމަރުޙޫމް މޭޖަރ އިނގިރޭސި ޢުމަރު މަނިކުގެ ހަނދާނީ ވާދައިގެ ތައްޓަށް ކޮންމެ އަހަރަކު ބާއްވަމުންދާ މުބާރާތެކެވެ. އަލްމަރްޙޫމް މޭޖަރ އިނގިރޭސި ޢުމަރު މަނިކަކީ ސިފައިންގެ ބަޑިގުދަން ބެލެހެއްޓުމުގައި އިސްކޮށް މަސައްކަތްކުރައްވާފައިވާ، ސިފައިންގެ ޚިދުމަތުގައި ދިގުމުއްދަތަކަށް މަސައްކަތް ކުރައްވާފައިވާ އޮފިސަރެކެވެ.