ޚަބަރު

މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމުގެ އަގު ކޮންޓްރޯލްކޮށްފި


މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމުގެ އަގު ކޮންޓްރޯލްކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ނެރުނު ޢިޢުލާނެއްގައިވަނީ މާލޭގައި މުދާ އުފުލުގެ ގަޑިތަކަށް އެޕްރީލްމަހުގެ ފުރަތަމަދުވަހުންފެށިގެން ސަރުކާރުން ގެނައި ބަދަލާގުޅިގެން މުދަލައި ޚިދުމަތުގެ އަގު ބޮޑުވާގޮތަށް ބައެއް ފަރާތްތަކުން މަސައްކަތްކުރަމުންދާތީ ޢާއްމު ރައްޔިތުންނާއި ވިޔަފާރިކުރާ ފަރާތްތަކާއި ވިޔަފާރީގެ ޚިދުމަތްދޭ ފަރާތްތަކަށް ދެމެހެއްޓެނިވި ޙައްލެއް ހޯދައި ދިނުމުގެ ގޮތުން މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމުގެ އަގު ކޮންޓްރޯލްކޮށްފައިވާކަމަށެވެ.
މިބަދަލު ގެނައީ " މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނު" ގެ 7 ވަނަ މާއްދާގެ (ށ) އިން އެ މިނިސްޓްރީ އަށް ލިބިފައިވާ އިޚްތިޔާރުގެ ދަށުންކަމަށް އިކޮނޮމިކް މިނިސްޓްރީގެ ޢިއުލާނުގައިވެއެވެ.
މިމަހުގެ ފަސް ވަނަ ދުވަހުންފެށިގެން މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމުގެ ޚިދުމަތުގެ އަގުތައް އެންމެ ބޮޑުވެގެން ނެގޭނެ ރެޓުތައް އިކޮނޮމިކް މިނިސްޓްރީގެ ޢިއުލާނުގައި ވަނީ އަންގާފައެވެ.
އެގޮތުން ކޮންޓެއިނަރުގެ ކުޑަ ބޮޑު މިނަށް ބަލައި އަގުތައް ކަނޑައަޅާފައިވާއިރު، ހެނދުނު ހަޔަކުން ރޭގަނޑު 12 އަށް ޖެނެރަލް ކާގޯ އަދި ބިއްލޫރި ޝީޓް ފިޔަވައި އެހެނިހެން ބާވަތްތަކުގެ މުދަލުގެ 20 ފޫޓުގެ ކޮންޓެއިނަރަކަށް ނެގޭނީ ދެހާސް ފަސްސަތޭ ރުފިޔާ ކަމަށް ކަނޑައަޅާފައިވާއިރު، 40 ފޫޓޫގެ ކޮންޓެއިނަރަކަށް ކަނޑައަޅާފައި ވަނީ ފަސްހާސް ރުފިޔާއެވެ. ރޭގަނޑު 12 އިން ހެނދުނު ހަޔަކަށް ކްލިއާ ކުރާނަމަ ފަސްސަތޭކަ ރުފިޔާ އަގު ބޮޑުވާނެވެ.