ދުނިޔެ

ފަލަސްޠީނުގެ ރައްޔިތުންނަށް އަމާޒުކޮށް އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ދިން ޙަމަލާތަކުގައި ފަލަސްޠީނުގެ މީހަކު ޝަހީދުވެއްޖެ


ފަލަސްޠީނުގެ ޣައްޒާއާއި އިސްރާއީލު ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި މުޒާހަރާ ކުރަމުން ދިޔަ ފަލަސްޠީނުގެ ރައްޔިތުންނަށް އަމާޒުކޮށް އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ދިން ޙަމަލާތަކުގައި ފަލަސްޠީނުގެ މީހަކު ޝަހީދުވެއްޖެއެވެ. މިއާއެކު މިދިޔަ ހުކުރު ދުވަހުން ފެށިގެން ޣައްޒާގެ ސަރަޙައްދީ ރޮނގު ކައިރީ ހިނގަމުންދާ ހަމަނުޖެހުންތަކުގައި ޝަހީދުވި ފަލަސްޠީނުގެ ރައްޔިތުންގެ އަދަދު ވަނީ 17 އަށް އަރާފައެވެ.
އިސްރާއީލުގެ ރަޙުމްކުޑަ ޙަމަލާތަކުގައި ޝަހީދުވީ ފަލަސްޠީނުގެ އުމުރުން 25 އަހަރުގެ ޒުވާނެއް ކަމަށްވާ އަހްމަދު އުމަރު ޢަރަފާ ކަމަށް ފަލަސްޠީނުގެ ސިއްޙީ އޮފިޝަލުން ވަނީ ބުނެފައެވެ. އޭނާ ޝަހީދުވީ އިސްރާއީލާ ޣައްޒާ ގުޅޭ ސަރަޙައްދީ ރޮނގުކައިރިން އިސްރާއީލުން ޖަހާފައިވާ ފެންސާ 50 މީޓަރު ދުރުގައި ހުއްޓާ ކަމަށާ އޭނާގެ ފަރާތުން އިސްރާއީލުގެ ސިފައިންނަށް އެއްވެސް ނުރައްކަލެއް ކުރިމަތިނުވާ ކަމަށް އޭނާގެ އާއިލާއިން ބުނެފައިވެއެވެ.
ކުރިއަށް އޮތް ހަ ހަފްތާއަށް ދެމިގެންދާނެ ކަމަށް ބެލެވޭ މި މުޒާހަރާތަކުގައި އަންނަ ހުކުރު ދުވަހު ބޮޑު އެއްވުމެއް ބާއްވާނެ ކަމަށް އެއްވުން އިންތިޒާމު ކުރާ ފަރާތްތަކުން ބުނެއެވެ. އަދި މިއެއްވުމުގައި އެތަށް ހާސް ބަޔަކު ބައިވެރިވުމަކީ އެކަށިގެންވާ ކަމެއް ކަމަށް ވެސް އެފަރާތްތަކުން ވަނީ ބުނެފައެވެ.