ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް 5000ރުފިޔާ ދޭން ކަނޑައެޅުމުގެ ބިލް







 



ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދައުލަތުންދެއްވާ އެހީ ފަސްހާސް ރުފިޔާއަށް ބޮޑުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް ބިލެއް ހުށަހަޅުއްވައިފިއެވެ.  އެބިލް މަޖިލީހަށް ހުށަހެޅުއްވީ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމްއެވެ.


 
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ފުރަތަމަ ކިއުން އިއްވަމުން އަނާރާ ނައީމް ވިދާޅުވީ، މިބިލް ހުށަހެޅި މަޤްސަދަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިން ބޭސްފަރުވާއަށް ދެވޭނެ އުސޫލުތައް އާސަންދައިގެތެރެއިން ލިބެން ހުރިނަމަވެސް، އެފަދަ ކުދިންނަށް ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަކީ ފަސޭހަކަމަކަށް ނުވާތީ، އެފަދަ ކުދިންގެ އާއިލާތަކަށް އެފައިސާ ލިބޭނަމަ އޭގެ ބޭނުން ކުރައްވައިގެން އެފަދަ މީހުންނަށާއި ކުދިންނަށް ބޭސްފަރުވާ ފަސޭހައިން ލިބޭނެ ގޮތަތަކެއް ފަހިކުރުންކަމަށެވެ.


 
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުން ދޭ މާލީ އެހީ ބޮޑުކުރުމަށް އަނާރާ އިސްލާހު ހުށަހަޅުއްވާފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ "ހ" އަށެވެ.
މިމާއްދާގައި މިހާރު ބުނެފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުން ކަނޑައަޅައި އެމީހުންގެ ދަފްތަރު ބަލަހައްޓަން ފެށުމާއިއެކު އެ ދަފްތަރުގައި ހިމެނޭ ކޮންމެ މީހަކަށް ވެސް އެ މީހަކު އެ ދަފްތަރުން އުނިކުރާ ދުވަހާއި ހަމައަށް މީލާދީ ކޮންމެ މަހަކު މަދުވެގެން ދެހާސް ރުފިޔާގެ މާލީ އިނާޔަތެއް ސަރުކާރުން ދޭން ވާނެ ކަމަށެވެ.


 
އަނާރާ ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނެފައިވަނީ މިހާރު ދެމުންދާ ދެހާސް ރުފިޔާ ފަސްހާސް ރުފިޔާއަށް ބޮޑުކުރުމަށެވެ.



ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މާލީ އިނާޔަތް ބޮޑުކުރުމަށް އެދި ފަންސާސް ހަތަރުމެމްބަރަކު ސޮއި ކުރައްވާ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައިވެއެވެ. މީގެ އިތުރުން ސަރުކާރު ސްކޫލުތަކުގައި ކިޔަވާ ކުދިންނާއި ސަރުކާރުގެ ފަރާތުން ތަމްރީނުދޭ މީހުން ސަރުކާރަށް ޚިދުމަތް ނުކުރާނަމަ އަދަބު ލިބޭ ގޮތަށް އޮތް އޮތުން އުނިކުރުމަށް އެދި ގާނޫނަށް އިސްލާހެއްވެސް ހުށަހަޅާފައިވެއެވެ.


 
މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ހުށަހަޅުއްވާފައިވާ އެއިސްލާހުގައި ބުނެފައވަނީ، ސަރުކާރަށް ހިދުމަތްކުރަންޖެހޭ މީހުން، އެމީހަކު ހިދުމަތް ކުރަންޖެހޭ މުއްދަތަށް ހިދުމަތް ނުކޮށް، ނުވަތަ ފަރުވާކުޑަކޮށް ނުވަތަ މިނޫންވެސް މިބާވަތުގެ އެކަށީގެން ނުވާ އަމަލު ހިންގާނަމަ، އެމީހަކު ސަރުކާރަށް ހިދުމަތް ކުރަންޖެހިފައިވާ މުއްދަތުން ބާކީ އޮންނަ ދުވަހަށް ގޭގައި ނުވަތަ ރަށުން ބޭރުގައި ބަންދުކޮށްފައި ބެހެއްޓުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވާކަމަށެވެ.


 
މީގެއިތުރުން ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ މަތިން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރުއޫތަކުގެ ދަށުން ވިއްކާ ފުލެޓާއި ގޯތިން ޖީއެސްޓީ ނަގާފައިވާނަމަ، އެފައިސާ އަނބުރާ ރައްދުކުރަން ޖެހޭ ގޮތަށްވެސް ގާނޫނަށް އިސްލާހެއް ހުށަހަޅާފައިވެއެވެ.


 
ސަރުކާރުގެ ފަރާތުން ގައްދޫ ދާއިރާގެ މެންބަރު އަހްމަދު ރަޝީދު ހުށަހަޅާފއިވާ އިސްލާހުގައި ބުނެފައިވަނީ ސަރުކާރުން ކަނޑައަޅާ އުސޫލާ އެއްގޮތްވާގޮތުގެ މަތިން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރުއޫތަކުގެ ދަށުން ސަރުކާރު ނުވަތަ ތިން ވަނަ ފަރާތެއް މެދުވެރިކޮށް ވިއްކާ ގޯތި ނުވަތަ ފުލެޓް ނުވަތަ އިމާރާތުން ޖީއެސްޓީ ނުނެގޭނެކަމަށެވެ. މިދިޔަ މޭ މަހުން ފެށިގެން ވިއްކާ ގޯތި ގެދޮރުން ޖީއެސްޓީ ނެގުމަށް ވަނީ ނިންމާފައެވެ.


 
މީގެ އިތުރުން ސިއްހީ ދާއިރާގައި ބޭނުންކުރާ އެކި އާލާތްތަކުގެ ފެންވަރާއި ރައްކާތެރިކަން ދެމެހެއްޓުމުގެ އުސޫލްތަކާ ބެހޭ ބިލެއް ވެސް މަޖިލީހަށް ހުށަހަޅާފައިވެއެވެ. ރައްޔިތުން މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދު ހުށަހެޅުއްވި މި ބިލްގެ މައިގަނޑު މަގުސަދަކީ މެޑިކަލް ޑިވައިސްތަކުގެ ފެންވަރާއި ރައްކާތެރިކަން ކަނޑައެޅުމަށްޓަކައި ބޭނުންވާ މައިގަނޑު އުސޫލްތަކާއި މިންގަނޑުތަކާއި ގަވާއިދުތައް ކަނޑައެޅުމެވެ.