ވިޔަފާރި

ޗައިނާގެ އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖޭގެ ތިން ދާއިރާއަކަށް





 


އިޤްތިޞާދީ ދާއިރާއާއި، އިއާދަ ކުރަނިވި ހަކަތާއިގެ ދާއިރާގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖޭގައި އިންވެސްޓްކުރުމަށް ޗައިނާގެ ވިޔަފާރިވެރިން ވަރަށް ބޮޑަށް ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވެއްޖެއެވެ.


 
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ. މުޙައްމަދު ޖަމީލް އަޙްމަދު މިހެން ވިދާޅުވީ ޗައިނާގައި އޮތް ވިޔަފާރި ފެއަރގައި ބައިވެރިވެވަޑައިގެންނެވުމަށްފަހު މާލެ ވަޑައިގެން ނޫސްވެރިންނާއި ބައްދަލްކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.


ޑރ. ޖަމީލް ވިދާޅުވީ، ޗައިނާއިން އެންމެ ބޮޑު އެހީތެރިކަމެއް ވެދެއްވުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިންކަމަށެވެ. އެއީ އިއާދަކުރަނިވި ހަކަތައިގެ ދާއިރާއަކީ ރާއްޖެއިން އެންމެ ބޮޑު ޚަރަދެއް ކުރާ ދާއިރާއަށް ވާތީކަމަށެވެ.


 
ޗައިނާއާއި އެހެނިހެންވެސް ކުރިއަރާފައިވާ ބޮޑެތި ގައުމުތަކުން ރާއްޖޭގައި އިންވެސްޓްކުރުމަށް އިތުބާރު އޮތްކަން ވިޔަފާރިވެރިންނާއި އެކު ބޭއްވުނު މަޝްވަރާތަކުން ހާމަވެގެންދިޔަކަން ފާހަގަކުރައްވާ ޑރ. ޖަމީލް ވިދާޅުވީ، ރާއްޖެއަކީ އިޤްތިޞާދީގޮތުން ފުރުސަތު އޮތް ޤައުމެއްކަން މަޝްވަރާތަކުން ގިނަ ވިޔަފާރިވެރިންނަށް އެނގިގެން ދިޔަކަމަށެވެ.



ރާއްޖޭގައި ވިޔަފާރިކުރުމަށް ހުރި ފުރުސަތުތައް ބޭރުގެ ފަރާތްތަކަށް ހާމަވެގެން ދިއުމަކީ ރާއްޖެއަށް އިޤްތިޞާދީގޮތުން އޮތް ކުރިއެރުމެއްކަމަށް ދެކެވަޑައިގަންނަވާކަމަށްވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.  އެމަނިކުފާނު ވިދާޅުވީ އިގްތިސާދީ ދާއިރާއިން ރާއްޖެ އަށް ޗައިނާއިން ވަރަށް ބޮޑަށް އިތުބާރުކުރާކަމަށެވެ. އަދި ޓޫރިޒަމްގެ ދާއިރާއިން އިންވެސްޓް ކުރުމުގެ ތެރެއިން ރާއްޖެއާއި ޗައިނާއާއި ދެމެދު މިހާރަށް ވުރެ ގިނަ ދަތުރުތައް ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމާމެދު ވެސް ދެ ގައުމުން މަޝްވަރާ ކުރިކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.