ވިޔަފާރި

އެމްޓީޑީސީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި


އެމްޓީޑީސީގެ ޑިރެކްޓަރުންގެ ބޯޑުގައި ޢާންމު ޙިއްސާދާރުން ތަމްސީލްކުރެއްވުމަށްޓަކައި ކަނޑައެޅިފައިވާ ފަސް ޑިރެކްޓަރުންގެ މަޤާމަށް ކުރިމަތިލެއްވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެމްޓީޑީސީއިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ކުރިއަށްއޮތް ދައުރަށް އެމްޓީޑީސީގެ ޑިރެކްޓަރުންގެ ބޯޑުގައި ޢާންމު ޙިއްސާދާރުން ތަމްސީލްކުރެއްވުމަށްޓަކައި ކަނޑައެޅިފައިވާ ފަސް ޑިރެކްޓަރުންގެ މަޤާމަށް ކުރިމަތިލެއްވުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާކަމަށެވެ.
ޑިރެކްޓަރުންގެ މަޤާމަށް އެދި ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި އެމްޓީޑީސީގެ ފަންސާސް ޙިއްސާ އޮތް ޙިއްސާދާރެއްކަމުގައިވުމާއި ތަޢުލީމީ، ވިޔަފާރި ނުވަތަ ފަތުރުވެރިކަމުގެ ދާއިރާއިން މަދުވެގެން 5 އަހަރުގެ ތަޖުރިބާއާއި ޤާބިލްކަން ހުރި ފަރާތެއް ކަމުގައިވުން ހިމެނެއެވެ.
ޑިރެކްޓަރު ކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ޑިރެކްޓަރުކަމަށް އެންމެ އެކަށީގެންވާ ފަރާތްތައް ކޯޕަރޭޓް ގަވަރނަންސް ކޯޑާއި އެއްގޮތްވާގޮތުގެ މަތީން އެމްޓީޑީސީގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމެޓީއިން ހޮއްވެވުމަށްފަހު، އެފަރާތްތަކުގެ މަޢުލޫމާތު ކުރިއަށްއޮތް އަހަރީ އާއްމު ޖަލްސާ ބޭއްވުމުގެ ކުރިން ހިއްސާދާރުންގެ މައުލޫމާތަށްޓަކައި ޢާންމުކުރާނެއެވެ.
ޑިރެކްޓަރުން އިންތިޚާބުކުރުން އޮންނާނީ ކުރިއަށްއޮތް އެމްޓީޑީސީގެ އަހަރީ ޢާއްމު ޖަލްސާގައެވެ.
އެމްޓީޑީސީގެ ޑިރެކްޓަރުންގެ ބޯޑުގައި ޢާންމު ޙިއްސާދާރުން ތަމްސީލްކުރެއްވުމަށްޓަކައި ކަނޑައެޅިފައިވާ ފަސް ޑިރެކްޓަރުންގެ މަޤާމަށް ކުރިމަތިލެއްވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ، މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ.
ސަރުކާރާއި އާއްމު ރައްޔިތުންގެ ހިއްސާއޮންނަ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑް (އެމްޓީޑީސީ) އަކީ ފަތުރުވެރިކަމުގެ މަންފާ ދިވެހިރައްޔިތުންނަށް ސީދާގޮތެއްގައި ހޯދައިދިނުމަށް ސަރުކާރުން 2006 ވަނަ އަހަރު އުފެއްދެވި ކުންފުންޏެކެވެ.