ކުޅިވަރު

ޔުނައިޓެޑް މެޗަށްވުރެ މުހިންމީ ލިވަޕޫލް މެޗު: ގާޑިއޯލާ


މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗަށްވުރެ ހުރިހާ ގޮތަކުން ވެސް މުހިންމީ ލިވަޕޫލާ ދެކޮޅަށް ކުޅެން ޖެހޭ މެޗުތައް ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
އޭނާ މިހެން ބުނީ އަންނަ ބުދަ ދުވަހު ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުގައި ލިވަޕޫލާ ދެކޮޅަށް ކުޅެން ޖެހިފައިވާތީއެވެ. ސިޓީ އާއި ޔުނައިޓެޑް ޕްރެމިއާ ލީގުގައި ވާދަކުރަން ޖެހޭނީ ހޮނިހިރު ދުވަހު އެވެ.

"އަހަރުމެން މިވަގުތު ޕްރެމިއާ ލީގުގައި އޮތީ ހިތްހަމަޖެހޭ ހިސާބެއްގައި. އަހަރުމެންނަށް ލީގު ޗެމްޕިއަންކަން ހޯދުމުގައި މާބޮޑު ހުރަހެއްނެތް. އެކަމަކު ޗެމްޕިއަންސް ލީގުގައި ކުޅެން ޖެހޭ މެޗަކީ ވަރަށް މުހިންމު މެޗެއް. ލިވަަޕޫލަކީ ފަސް ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ މޮޅު ޓީމެއް. އެމީހުން މިވަގުތު އޮތީ ވަރަށް ރަނގަޅު ފޯމެއްގައި،" ސްޕޭނުގެ ބާސެލޯނާއަށް ދެ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ކޯޗު ބުންޏެވެ.

ގާޑިއޯލާ ބުނީ ޗެމްޕިއަންސް ލީގަކީ ސިޓީގެ ވަރަށް ބޮޑު އުއްމީދެއް ގުޅިފައިވާ މުބާރާތެއް ކަމަށާއި، ޔޫރަޕުގެ ބޮޑު ޓީމަކަށް ވުމަށް ޗެމްޕިއަންސް ލީގަކީ އެންމެ މުހިންމު މުބާރާތް ކަމަށެވެ.