ކުޅިވަރު

ޒޯން ދޭއްގެ ޗެމްޕިއަންކަން ހޯދާ ފޯކައިދޫ ފައިނަލް ބުރަށް!


ޒޯން ދޭއްގެ ޗެމްޕިއަންކަން ހޯދާ، ށ.ފޯކައިދޫ ފައިނަލް ބުރުން ޖާގަ ހޯދައިފިއެވެ.
ކުރީގެ މަޝްހޫރު ފޯވާޑް އާދަމް އަބުދުއްލަތީފްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ފޯކައިދޫ ފައިނަލް ބުރަށް ދަތުރުކުރީ ޒޯންގައި ނ.އަތޮޅުގެ ޗެމްޕިއަން މާޅެންދޫގެ މައްޗަށް 10-01 ގެ އެގްރިގޭޓުން ކުރި ހޯދައިގެންނެވެ. މާޅެންދޫގައި ކުޅުނު ފުރަތަމަ ލެގު މާޅެންދޫ ކާމިޔާބުކުރީ 7-1 ނެވެ. އިއްޔެ ފޯކައިދޫގައި ކުޅުނު ދެވަނަ ލެގު ކާމިޔާބުބުކުރީ 3-0 ނެވެ.
މިނިވަން ޗެމްޕިއަންޝިޕްގެ ލ.އަތޮޅު މުބާރާތުގެ ޗެމްޕިއަންކަން ލ.މާބައިދޫ ވަނީ ހޯދާފައެވެ. އެއީ ކުނަހަންދޫއާއި ވާދަކޮށް ދެ ލެގުވެސް ކާމިޔާބުކޮށްގެންނެވެ. އިއްޔެ ކުޅުނު ދެވަނަ ލެގު މާބައިދޫ ކާމިޔާބުކުރީ 1-0 ލަނޑުންނެވެ. ޒޯންހަޔެއްގައި މާބައިދޫ ވާދަކުރާނީ ތ.އަތޮޅުގެ ޗެމްޕިއަނުންނާއެވެ.
މުބާރާތުގެ ގދ.އަތޮޅުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ހޯޑެއްދޫއެވެ. ހޯޑެއްދޫ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި މަޑަވެލި ބަލިކޮށްގެންނެވެ. ޒޯން ބުރުގައި ހޯޑެއްދޫ ވާދަކުރާނީ ޒޯން ހަތެއްގައި ގއ.އަތޮޅުގެ ޗެމްޕިއަން ކޮނޑޭއާއެވެ. ފުރަތަމަ ލެގުގެ މެޗު ކުޅޭނީ އަންނަ އަންގާރަ ދުވަހުއެވެ.
ލީގު ބުރުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް، މިނިވަން ޗެމްޕިއަންޝިޕްގެ އައްޑޫސިޓީގެ ފައިނަލުން ފޭދޫ ވަނީ ޖާގަ ހޯދާފައެވެ. ފޭދޫ ވަނީ ލީގު ބުރުގެ ފަހު މެޗުގައި އިއްޔެ މަރަދޫ ފޭދޫއާ ވާދަކޮށް، 4-3 ލަނޑުން ކުރި ހޯދާފައެވެ.
އިއްޔެ ކ.އަތޮޅުގެ ގުރޫޕް ސްޓޭޖުގެ ފަހުމެޗުގައި މާފުށްޓާއި ހުރާ ވާދަކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. ކ.އަތޮޅުގެ ފައިނަލުން ޖާގަ ހޯދީ ހިތްމަފުށްޓާއި ގުޅިއެވެ. މިދެޓީމް ވާދަކުރާ ފައިނަލު މެޗު ކުޅޭނީ އަންގާރަ ދުވަހުއެވެ.