ޚަބަރު

އިދިކޮޅު ފަރާތްތަކުން ވަނީ އައިޕީޔޫ އަށްވެސް ދޮގު މަޢުލޫމާތު ދީފައި - މޫސާ މަނިކު


އިންޓަ ޕާރލިމަންޓްރީ ޔޫނިއަން (އައިޕީޔޫ)އަށް ރައްޔިތުން މަޖިލީހުގެ އިދިކޮޅު މެމްބަރުން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ރާއްޖޭގެ ކޯޓުގައި ހިނގާ މައްސަލަތައްވެސް ހިމެނޭކަމަށާ މިއީ އައިޕީޔޫގެ މެންޑެޓުގެ ތެރޭގައި ހިމެނޭ ކަމެއްނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން މޫސަ ވިދާޅުވީ އައިޕީޔޫއަށް އިދިކޮޅު ފަރާތްތަކުން މިހާރު ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭގޮތުން މައްސަލަތައް ހުށަހަޅާފައިވާއިރު ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުން ކޮށްފައިވާ ޙުކުމްތައްވެސް ހުށަހަޅާފައިވާ ކަމަށެވެ. އެހެންނަމަވެސް އައިޕީޔޫގެ މެންޑޭޓުގައި އެފަދަ ކަންކަން ނުހިމެނޭ ކަމަށް މޫސަ ވިދާޅުވިއެވެ.
178 ޤައުމެއްގެ ޤާނޫނު ހަދާ މަޖިލިސްތައް އެއްކޮށްގެން ހަދާފައިވާ ޖަމްޢިއްޔާއެއް ކަމަށްވާ އައިޕީޔޫއަކީ ދުނިޔޭގެ އެއްވެސް ޤައުމެއްގެ ކޯޓުތަކުގައި ހިނގާ މައްސަލަތަކުގެ ތެރެއަށް ވަންނާނެ އަދި ވަނުމުގެ މެންޑޭޓެއްވެސް އޮތް ޖަމްޢިއްޔާއެއް ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ.

"
"އަޅުގަނޑުމެންގެ ރާއްޖެއިން މިފަހަރު އައިޕީޔޫއަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި އެބަހުރި ކޯޓުގެ ޙުކުމްތަކާއި ބެހޭ މައްސަލަ. އެއީ އައިޕީޔޫއިން ބަލަންޖެހޭވެސް ކަމެއް ނޫން. އަނެއްކާ އައިޕީޔޫއަކުން ނުވެސް ބަލާނެ އެކަމެއް. ކޮން ފިޔަވަޅެއްތޯ އަޅާނީ. މިސާލަކަށް އަޅުގަނޑުމެންނާ ދޭތެރޭ އައިޕީޔޫއަކަށް އެޅޭނެ ފިޔަވަޅެއް ނޯންނާނެއްނު. ދެން މިހާރު ރާއްޖޭގައި ވަރަށް ގިނައިން ކުރާ ކަމެއް، އަދި ރައްޔިތުން ވަރަށް ހާސްވާކަމެއް އެއީ. ޓުއަރިސްޓުން އައުން ހުއްޓާލަނީއޭ. ކާޑު ދިނުން ހުއްޓާލަނީއޭ. ފިޔަވަޅު އަޅަނީއޭ. އިންޑިއާ ސިފައިން އަރުވަނީއޭ. އެއީ ދެން ބަޔަކު ބަލިވެގެން ދިޔައަކަސް ދައްކާކަހަލަ ވާހަކައެއް ނޫނެއް ނޫންތޯ. އައިޕީޔޫއަކުން ނާންނާނެ ރާއްޖެއަކަށް ފިޔަވަޅު އަޅާކަށް،"
މޫސާ މަނިކު

ރާއްޖޭގައި ޑިމޮކްރަސީ ނެތިގެންދާ ކަމަށްބުނެ ބައެއް ޤައުމުތަކުން އައިޕީޔޫގެ ހަވާސާގެ ތެރެއިން ބައެއް ބޭފުޅުންނާ ބައްދަލުކޮށް ވާހަކަދައްކާފައިވާކަމަށާ، ރާއްޖެއާމެދު ބައެއް ފަރާތްތަކުން ކުރިސުވާލުތަކަށް ޖަވާބުދިނުމުގައި އެމްޑީޕީން އޮޅުވާލައިގެން ވާހަކަދައްކާފައިވާކަމަށްވެސް މޫސަ ވިދާޅުވި. އަދި ސަރުކާރު ހިންގާ ޕާޓީގެ ފަރާތުން ވާނީ ރާއްޖެއާބެހޭ ސައްޙަ މަޢުލޫމާތު ބޭރުގެ ފަރާތްތަކަށް ފޯރުކޮށްދީފައިކަމަށްވެސް މޫސަ ވިދާޅުވި.

"
"އަޅުގަނޑު ބުނިން އަޅުގަނޑުމެންނަށް އެނގޭއޭ ތިބޭފުޅުންނަށް ތިވާހަކަ އަންނާނެކަން އަދި އަންނާނެ ގޮތްވެސް. ތިބޭފުޅުންނަށް އެނގިލައްވާތޯއޭ ތިބޭފުޅުންނަށް ތި މަޢުލޫމާތު ދެއްވަނީ އެމްޑީޕީގެ ފަރާތުންނޭ. އެމްޑީޕީގެ ފައުންޑަރ އެކޭ އަޅުގަނޑަކީ އޭރުގައި. އަޅުގަނޑާއި ދޭތެރޭ އެމްޑީޕީން ކަންތައްކުރި ގޮތާއި އެމްޑީޕީއަށް ލިބޭ ފައިސާއާ އެމްޑީޕީގެ ފަރާތުން ރިޔާސީ ކެނޑިޑޭޓަކަށް އަޅުގަނޑު ނިކުންނާނަމޭ ބުނީމަ އަޅުގަނޑާ ދޭތެރޭ ކަންތައް ކުރިގޮތް ތިބޭފުޅުންނަށް އެނގޭތޯއޭ މިތާ ތިބި ކޮންޒަވޭޓިވް ޕާޓީގެ މެމްބަރުންނަށް އެނގޭނޭ. އެމްޑީޕީ އުފެދުނީއްސުރެ ރައީސް ނަޝީދު ނޫނީ އެހެން ބޭފުޅަކު އެމްޑީޕީ ތެރޭގައި އުޅުއްވައިފިތޯއޭ. މިއީ ޑިމޮކްރަޓިކް ހަމަތައްތޯއޭ،"
މޫސާ މަނިކު

ކުއްލި ނުރައްކަލުގެ ޙާލަތުގައި ހައްޔަރުކުރި މީހުންނާ ބެހޭގޮތުން އިދިކޮޅު ފަރާތްތަކުން ދީފައިވާ މަޢުލޫމާތަކީ މުޅިން އޮޅުވާލައިގެން ދީފައިވާ މަޢުލޫމާތުތަކެއްކަން މިހާރު ބޭރުގެ ފަރާތްތަކަށް އެނގޭނެކަމަށާ، އެކަމުގެ ހަޤީޤަތް ސަރުކާރުން މިހާރު ހާމަކޮށްފާއިވާނެކަމަށްވެސް މޫސަ ވިދާޅުވި.