ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ފްލެޓްތަކަށް ސަރުކާރުން ފައިސާދެނީ





 


ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޫކުރާ ފްލެޓް ތަކުގެ އެޑްވާންސަށްވާ ފައިސާ ދައުލަތުން ދައްކާގޮތަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ހަމަޖައްސަވައިފިއެވެ.


 
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޫކޮށްފައިވާ 15 ފްލެޓް އެ ފަރާތްތަކާ ހަވާލުކޮށްފައިވާއިރު ކޮންމެ ފްލެޓަކަށް އެޑްވާންސް ފައިސާގެ ގޮތުގައި ދައްކަންޖެހޭ އަށާރަހާސް ފަސްސަތޭކަ ރުފިޔާ ދައުލަތުން ދައްކާގޮތަށް ރައީސުލް ޖުމްހޫރިއްޔާ މިއަދު ހަމަޖައްސަވާފައިވާ ކަމަށެވެ.


 
ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާއެކު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޫކުރާ 15 ފްލެޓްގެ އެޑްވާންސް ފައިސާގެ ގޮތުގައި 277500 ރުފިޔާ ދައުލަތުން ދައްކަންޖެހެއެވެ. މިއީ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅާލައި، އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދީ، އެމީހުންގެ ހާލަތު މިހާރަށްވުރެ ރަނގަޅު ކުރުމުގެ ސިޔާސަތުގެ ދަށުން ނިންމެވި ނިންމުމެއް ކަމަށް މުއާޒް ވިދާޅުވިއެވެ.


 
 


މީގެ އިތުރުންވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށްޓަކައި ތަފާތު ގިނަގުނަ މަސައްކަތްތަކެއް ކުރައްވާކަން ފާހަގަ ކުރައްވާ މުއާޒް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ ޚާއްސަ ތެރަޕީތައް ކުރިއަށްވުރެ ފަސޭހައިން ވިލިމާލޭގެ ދަމަނަވެށިން ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަކޮށްގެން ދޫކުރާ ޚާއްސަ ގޮނޑި ލިބުމަށް ދިމާވެފައިވާ ދަތިތަކަށް އަވަސްއ ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ކަމަށް މުއާޒް ވިދާޅުވިއެވެ.