ރާއްޖެއާއި ކުވެއިތާ ދެމެދު އޮތް ދޭދޭ ގުޅުން މިހާރަށްވުރެ ހަރުދަނާ ކުރެވޭނެ ގޮތްތަކާބެހޭ ގޮތުން ދެ ޤައުމުން މަޝްވަރާކޮށްފިއެވެ.
މިމަޝްވަރާތައް ބޭއްވީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް، ޑރ މުޙައްމަދު އާސިމް މިހާރު ކުވައިތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރޭގައެވެ. އެގޮތުން ފޮރިން މިނިސްޓަރ ވަނީ ކުވައިތުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރާއި ފޮރިން މިނިސްޓަރ ޝެއިޚް ޞަބާޙް ޢާލް ޚާލިދް ޢާލް ޙަމަދް ޢާލް ޞަބާޙާ ބައްދަލުކުރައްވާފައެވެ.
ފޮރިން މިނިސްޓަރ އާސިމްގެ މިދަތުރުފުޅުގެ ތެރެއިން ކުވެއިތު ފަންޑުގެ އިސް އޮފިޝަލުންނާވެސް ބައްދަލުކުރެއްވިއެވެ. މިބައްދަލުކުރެއްވުންތަކުގައި މިނިސްޓަރ އާސިމް ވަނީ ކުވެއިތު ފަންޑުގެ އެހީގައި ރާއްޖޭގައި މިހާރުވެސް ހިންގަމުންދާ މަޝްރޫތަކާއި ކުރިޔަށް ގެންދެވެން ހުރި މަޝްރޫތަކާ ބެހޭ ގޮތުން މުހިންމު މަޝްވަރާތައް ކުރައްވާފައެވެ. މި މަހުގެ 28 ން 30 އަށް ފޮރިން މިނިސްޓަރ ކުވެއިތަށް ކުރައްވާ ދަތުރުފުޅުގައި މިނިސްޓްރީގެ ސެކްރެޓަރީ ބައިލެޓްރަލް އަޙްމަދު ޚަލީލާއި ދިވެހި ސަރުކާރުން ކުވައިތަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު ޢަބްދުﷲ ޙަމީދާއި ޑިރެކްޓަރ ޢަބްދުލް ވާރިޘް ސަޢީދު ބައިވެރިވަޑައިގަންނަވައެވެ.