ދުނިޔެ

ދެ ކޮރެއާގެ ސަމިޓު އޭޕްރިލް 27 އަށް ތާވަލުކޮށްފި


ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ދެ ކޮރެއާގެ އިސް ވެރިންގެ ދެމެދު ބާއްވާ ފުރަތަމަ ސަމިޓް ބާއްވާނީ އަންނަ އޭޕްރިލް މަހުގެ 27 ވަނަ ދުވަހުކަމަށް ދެކުނު ކޮރެއާއިން އިޢުލާންކޮށްފިއެވެ.
ދެކުނު ކޮރެއާއިން މިކަން އިޢުލާނުކޮށްފައި މި ވަނީ ދެ ޤައުމުގެ އޮފިޝަލުންގެ މެދުގައި ކުރިއަށްގެންދިޔަ މަޝްވަރާތަކަށް ފަހުގައެވެ.
2017 ވަނަ އަހަރު ކޮރެއާ ބައްރުގައި އުފެދުނު ނުތަވަސްކަން މިހާރު މުޅިން ހެން ވަނީ ފިލައިގެން ގޮސްފައެވެ.
މިކަމުގެ އަސްލަކީ ދެކުނު ކޮރެއާ އާއި އުތުރު ކޮރެއާއާ ދެމެދު އޮންނަ ގުޅުން ކުރިއަށްވުރެ ހަރުދަނާވުން ކަމަށް މުރާސިލުން ދެކެއެވެ.
މި އަހަރު ފެށުނު ފަހުން، އުތުރު ކޮރެއާއިން މިސައިލް ޓެސްޓެއް އަދި ނިއުކްލިޔަރ ޓެސްޓެއްވެސް ކޮށްފައި ނުވާއިރު، ބަދަލުގައި އެ ޤައުމުގެ ފަރާތުން ފެނިފައިވަނީ ދެ ޤައުމުގެ ދެމެދު އުފެދިފައިވާ މައްސަލަތައް ސިޔާސީގޮތުން ހައްލުކުރުމަށް މަސައްކަތްކުރާ މަންޒަރެވެ.
އެ ގޮތުން، މިއަހަރުގެ ފެބްރުއަރީމަހު ދެކުނު ކޮރެއާގައި ބޭއްވި ފިނި މޫސުމުގެ ކުޅިވަރު މުބާރާތުގައިވެސް އުތުރު ކޮރެއާއިން ބައިވެރިވެފައިވާއިރު، އެ ޤައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންގެ ވަފުދެއް މުބާރާތް ބައްލަވާލެއްވުމަށް ވަނީ ދެކުނު ކޮރެއާއަށް ޒިޔާރަތްކޮށްފައެވެ.
މިއަށްފަހު، ކުރު މުއްދަތެއްގެ ތެރޭގައި، ދެ ޤައުމުގެ އިސް އޮފިޝަލުންގެ ދެމެދު ގިނަ ބައްދަލުވުންތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ.
މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ މަޝްވަރާތަކަކީ ދެކުނު ކޮރެއާގެ ރައީސް މޫން ޖެއިންގެެ ފަރާތުން ޚާއްޞަ ވަފުދެއް އުތުރު ކޮރެއާއަށް ގޮސް، އެ ޤައުމުގެ ޒަޢީމް ކިމް ޖޮން އުންއާއެކު ބޭއްވި މަޝްވަރާތަކެވެ.
މި މަޝްވަރާތަކުގައި ބައިވެރިވި ދެކުނު ކޮރެއާގެ ވަފުދު މެދުވެރިކޮށް އުތުރު ކޮރެއާގެ ޒަޢީމް ކިމް ވަނީ، ދެކުނު ކޮރެއާގެ ރައީސް މޫންގެ އިތުރުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށްވެސް މަޝްވަރާގެ ދަޢުވަތު ފޮނުއްވާފައެވެ.
އަދި އަންނަ އޭޕްރިލް މަހުގެ 27 ވަނަ ދުވަހު މި ތާރީޚީ ސަމިޓް ބާއްވާނެކަން، ދެކުނު ކޮރެއާއިން މިވަނީ އިޢުލާނުކޮށްފައެވެ.
އަނެއްކޮޅުން، ޖަޕާނުން ވެސް ވަނީ އުތުރު ކޮރެއާއާއެކު ވަކިން ސަމިޓެއް ބާއްވަން ޝައުޤުވެރިކަން ފާޅުކޮށްފައެވެ.
ޖަޕާނުގެ އަސާހީ ދުވަހު ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުން، އުތުރު ކޮރެއާގެ ޒަޢީމް ކިމް ޖޮންގް އުން ވެސް ވަނީ ޖަޕާނާއެކު ބައްދަލުވުމެއް ބޭއްވުމަށް އުތުރު ކޮރެއާއިން ބޭނުންވާ ކަން އަންގަވާފައެވެ.
ޖަޕާނުން މިފަދަ ބައްދަލުވުމަކަށް އެދިފައިވާ ކަމަށް ބުނާ ރިޕޯޓްތައް ފެންމަތިވެފައި މިވަނީ އުތުރު ކޮރެއާގެ ޒަޢީމް ކިމް ޖޮން އުން ޗައިނާއަށް މި ހަފުތާގައި ތާރީޚީ ދަތުރެއް ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.
2011 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެން ކިމް ޤައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުގައި ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރައްވާ ގިނަ މައްސަލަތަކާ މެދު މަޝްވަރާ ކުރައްވާފައެވެ.