ދުނިޔެ

މަލާލާ ޔޫސުފްޒާއީ 6 އަހަރު ދުވަހަށް ފަހު އެނބުރި ޤައުމަށް


އުމުރުން އެންމެ 17 އަހަރުގައި ނޮބެލް ސުލްޙައިގެ އިނާމު ޙާސިލުކުރި ޕާކިސްތާނުގެ ޒުވާން އެކްޓިވިސްޓް މަލާލާ ޔޫސުފްޒާޢީ 6 އަހަރު ދުވަހަށް ފަހު، ޕާކިސްތާނަށް ޒިޔާރަތްކޮށްފިއެވެ.
ޕާކިސްތާނަށް އުފަން މަލާލާއަށް 2014 ވަނަ އަހަރު ލިބުނު ނޮބެލް ސުލްހައިގެ އިނާމާއެކު އޭނާ ވެގެން ދިޔައީ ދުނިޔޭގެ ތާރީޚުގައި ވެސް މި އިނާމް އެންމެ ހާސިލް ކުރި އެންމެ ޢުމުރުން ހަގު ފަރާތަށެވެ.
އޭނާއަށް ނޮބެލް ސުލްޙައިގެ އިނާމް ލިބިފައިވަނީ ދުނިޔޭގެ އެކި ޤައުމުތަކުގައި، އަންހެނުންނާއި އަންހެންކުދިން ބާރުވެރިކުރުވުމުގެ ގޮތުން، ޢިލްމު އުގަންނައިދިނުމާއި، އެކަމުގެ މުހިއްމުކަމާމެދު މީހުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން އޭނާކޮށްފައިވާ އަދި ކުރަމުންދާ މަސައްކަތްތައް ފާހަގަކުރުމަށެވެ.
މަލާލާ، އޭނާގެ ޤައުމު ޕާކިސްތާނު ދޫކޮށް އިނގިރޭސިވިލާތަށް ދިރިއުޅުން ބަދަލުކުރީ މީގެ 6 އަހަރު ދުވަސްކުރިން، 2012 ވަނަ އަހަރު، ޕާކިސްތާނުގެ ޠާލިބާނު ޖަމާޢަތުން އޭނާއަށް އަމާޒުކޮށް ދިން ބަޑީގެ ހަމަލާއިން ސަލާމަތްވުމަށްފަހުގައެވެ.
ޠާލިބާނު ޖަމާޢަތުން މަލާލާއަށް ހަމަލާދީފައިވަނީ، އަންހެން ކުދިންނަށް ތަޢުލީމް އުގަންނައިދިނުމަށް ގޮވާލާ އޭނާ އޭރު ކުރިއަށްގެންދިޔަ ކެމްޕޭނެއްގެ ސަބަބުންކަމަށް ޠާލިބާނުން އޭރު ބުނެފައިވެއެވެ.
މިހާރު އުމުރުން 20 އަހަރުގެ މަލާލާ ޕާކިސްތާނަށް ކުރަމުންދާ ދަތުރުގައި ޕާކިސްތާނުގެ ބޮޑު ވަޒީރު ޝާހިދު ޙައްޤާން އައްބާސީއާ ވެސް ވަނީ ބައްދަލުކޮށްފައެވެ.