ކުޅިވަރު

ރާއްޖޭގެ ވޮލީ ކުރިއަރަމުން އަންނަ މިންވަރު ފެނިއްޖެ- އޭވީސީ


ރާއްޖޭގެ ވޮލީބޯޅަ ކުރިއަރަމުން އަންނަކަން ފާހަގަކުރެވެމުންދާކަމަށް އޭޝިޔަން ވޮލީބޯޅަ ފެޑެރޭޝަނުން ބުނެފިއެވެ.

ރާއްޖޭގައި އިއްޔެ ބޭއްވި އޭޝިޔަން ސެންޓްރަލް ޒޯންގެ އަހަރީ ޢާއްމު ބައްދަލުވުމުގައި ރާއްޖެގެ ވޮލިބޯޅަ ކުރިއަރަމުން އަންނަ މިންވަރު ފާހަގަކުރައްވާފައިވަނީ އޭޝިއަން ވޮލީބޯޅަ ކޮންފެޑެރޭޝަންގެ އެކްޒެކެޓިވް ވައިސް ޕްރެޒިޑެންޓް އީސާ ހަމްޒާއެވެ.

އީސާ ހަމްޒާ ވިދާޅުވީ ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސްކަމަށް މިހާރުގެ ރައީސް މުޙައްމަދު ލަތީފް އިންތިޚާބުވިފަހުން ކުރިއެރުން ފާހަގަކުރެވެމުންދާކަމަށެވެ. ރާއްޖެއަށް ކުރަމުންދާ މިދަތެރުގައިވެސް ފެނިގެންދަނީ ވޮލީބޯޅަ ކުރިއަރަމުންދާކަމުގެ ނިޝާންތައްކަމަށް އޭނާ ވިދާޅުވިއެވެ.

އީސާ ހަމްޒާ ވިދާޅުވީ ރާއްޖޭގައި ބައިނަލްއަގްވާމީ ވޮލީބޯޅަ މުބާރާތެއް އަންނަ އަހަރު ބާއްވަން އޭނާ ވަރަށް ބޮޑަށް މަސައްކަތްކުރައްވާނެކަމަށާއި، މިއީ ވޮލީކުރިއެރުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތް އޭނާ ބަލައިގަތުމުގެ ގޮތުން ކުރައްވާ ކަމެއްކަމަށެވެ. އަދި ބައިނަލްއަގްވާމީ މުބާރާތްތައް ބޭނުންވާ ސާމާނުވެސް ރާއްޖެއަށް ހަދިޔާ ކުރައްވާނެކަމަށް އީސާ ހަމްޒާ ވިދާޅުވިއެވެ.

"އޭވީސީގެ ނަވާރަ އަހަރުން ދަށުގެ ވޮލީ މުބާރާތް ރާއްޖޭގައި ނުބޭއްވުނުކަމުގައިވިޔަސް އެ ސާމާނުވެސް ރާއްޖެއަށް ހަދިޔާކުރަން މިހާރު ނިންމައިފިން. ރާއްޖޭގައި ވޮލީ ކުރިއަރަމުން އަންނަ މިންވަރު އެބަފެނޭ" ހަމްޒާ ވިދާޅުވިއެވެ.

އިއްޔެގެ ރަސްމިއްޔާތުގައި ރާއްޖޭގެ ވޮލީބޯޅަ ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް ކުރައްވަމުންގެންދަވާ މަސައްކަތްޕުޅާއި، އެއްބާރުލެއްވުން ފާހަގަކުރައްވާ އޭވީސީން ވަނީ ހަނދާނީ ފިލައެއްވެސް ރައީސަށް އަރުވާފައިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ފިލަޔާއި ހަވާލުވެލެއްވީ ވީއޭއެމްގެ ރައީސް މުޙައްމަދު ލަތީފެވެ.

މީގެއިތުރުން ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަނާއި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ވޮލީބޯޅަ ކުރިއެރުވުމަށް ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާ އޭވީސީން ވަނީހަނދާނީފިލައެއް ދެއްވާފައެވެ.

އިއްޔެ އޮތް އެނުއަލް ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަމުން ވީއޭއެމްގެ ރައީސް މުޙައްމަދު ލަތީފް ވަނީ ވޮލީބޯޅައަކީ ރާއްޖޭގެ އެއްވަނަ ކުޅިވަރަށް ހެދުމަށް އޭނާގެ ޓީމުން ކުރަމުންދާ މަސައްކަތް ފާހަގަކޮށް އެފަރާތަތްތަކަށް ޝުކުރު އަދާކުރަްވާފައެވެ. އަދި މީގެ އިތުރުން ދިގު މުއްދަތަކަށް ޕްލޭންތައް ރާވައި ހިންގުމުގައި ޔޫތް މިނިސްޓްރީއާއި، ސަރުކާރުގެ އެހެން ވުޒާރާތަކާއި، އޭވީސީގެ މެންބަރު ގައުމުތަކުން ލިބެމުންދާ އެހީތެރިކަން ލަތީފް ފާހަގަކުރެއްވިއެވެ.

"ދިވެހި ސަރުކާރާއި، ވަކިން ޚާއްސަކޮށް ޔޫތް މިނިސްޓްރީން އަޅުގަނޑުމެން ކުރާ ކޮންމެ މަސައްކަތެއްގައިވެސް ބޮޑު އެއްބާރުލުމެއް ލިބޭ، އެ އެއްބާރުލުމުގެ ސަބަބުން މިވަރުގެ ކުރިއެރުމެއް މި ހޯދެނީ" ލަތީފް ވިދާޅުވިއެވެ.

އިއްޔެގެ ރަސްމިއްޔާތުގައި ރާއްޖޭގެ ވޮލީބޯޅަ ކުރިއަރުވާ، ޕްރޮމޯޓްކުރުމަށް ޕަބްލިކް ސަރވިސް މީޑިއާއިން ކުރާ މަސައްކަތްތައް ފާހަގަކޮށް، ޕަބްލިކްސް ސަރވިސް މީޑިއާގެ މެނޭޖިންގ ޑައިރެކްޓަރ އިބްރާހީމް ޚަލީލަށް ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަނުންވެސް ވަނީ ހަނދާނީ ފިލައެއް ދެއްވާފައެވެ. އަދި މީގެ އިތުރުން ވީއޭއެމްގެ އެކި އެކި ހަރަކާތްތަކުގައި އެހީތެރިވާ ފަރާތްރަކުގެ އަގުވަޒަންކުރުމުގެ ގޮތުންވެސް ރަސްމިއްޔާތުގައިވަނީ ހަނދާނީ ފިލާ ހަވާލުކޮށްފައެވެ.

ބަނޑޮސް އައިލެންޑް ރިސޯޓުގައި ބޭއްވި އޭޝިއަން ސެންޓްރަލް ޒޯން އެނުއަލް ޖެނެރަލް އެސެމްބްލީގައި ސެންޓްރަލް ޒޯންގެ ނުވަ ގައުމަކުންވަނީ ބައިވެރިވެފައެވެ. އެއީ ދިވެހިރާއްޖެ، އަފްޣާނިސްތާން، ބަންގްލަދޭޝް، އިރާން، ކިރިގިސްތާން، ނޭޕާލް، ޕާކިސްތާންގެ އިތުރުން ސްރީލަންކާ އަދި އުޒްބަކިސްތާނެވެ.