ޚަބަރު

އައްޑޫއިން ޤަވާއިދާއި ޚިލާފަށް އުޅޭ 60 ބިދޭސީން މާލެއަށް





 


މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ 80 އިންސައްތަ މީހުން ހޯދާ އެމީހުންގެ ގައުމުތަކަށް ފޮނުވާލުމަށް މަސައްކަތް ކުރަމުންދާކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.


 
ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ޑެޕިއުޓީ ސީއީއޯ އަބްދުﷲ މުނާޒް ވިދާޅުވީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މިމަހުގެ


3 ވަނަ ދުވަހު އައްޑޫގައި ފެށި އޮޕަރޭޝަންގައި މިހާތަނަށް 60 އަށްވުރެ ގިނަ ބިދޭސީން ހޯދާ މާލެއަށް ފޮނުވާލާފައިވާ ކަމަށެވެ. މިއޮޕަރޭޝަނަކީ މުޅި ރާއްޖޭގައިވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އޮޕަރޭޝަނެއްކަމަށާއި، މިއަހަރުގެ ނިޔަލަށް މި އޮޕަރޭޝަން ކުރިއަށްގެންދާނެ ކަމަށް މުނާޒް ވިދާޅުވިއެވެ.


 
 


މިއޮޕަރޭޝަންގެ ބޭނުމަކީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ 80 އިންސައްތަ މިއަހަރު ނިމުމުގެ ކުރިން ރާއްޖެއިން ފޮނުވާލުން ކަމަށް އިމިގްރޭޝަންގެ ޑެޕިއުޓީ ސީއީއޯ ވިދާޅުވިއެވެ. މީގެ އިތުރުންވެސް މުނާޒް ވިދާޅުވީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދެވުނު އެންމެނަކީވެސް ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ މީހުންކަމަށާއި އެމީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް އިމިގްރޭޝަނުން މިހާރު ފަށާފައިވާ ކަމަށާއި މި އޮޕަރޭޝަނަށް އާންމުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަމަށެވެ.