ޚަބަރު

ފުވައްމުލަކު ހޮސްޕިޓަލުގައި ހިނގި ހާދިސާގައި ޑޮކްޓަރުންގެ އިހުމާލެއް ނެތް-





 


ފުވައްމުލަކު ހޮސްޕިޓަލްގައި މާބަނޑު ދެ އަންހެނަކު ވިއްސުމުގައި ދިމާވި ހާދިސާތަކުގައި ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި މުވައްޒަފުންގެ އިހްމާލެއް ނެތް ކަމަށް ހެލްތު މިނިސްޓްރ ޑރ މަރިޔަމް ޝަކީލާ ވިދާޅުވެއްޖެއެވެ.


 
އެމްބީސީ ނިއުސްއާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޝަކީލާ ވަނީ އެ ހާދިސާތައް ދިމާވީ ތަނަށް ބޭނުންވާ ވަސީލަތްތައް ނެތިގެންކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވާފައެވެ. އަދި އެންމެ ފަހުން ދިމާވި ދެހާދިސާއާ ބެހޭގޮތުން ވަރަށް ގިނަ ހަގީގަތާއި ޚިލާފް ވާހަކަތަކެއް ފަތުރަމުންދާކަމަށާއި ހޮސްޕިޓަލުން ދެވެން ހުރި އެންމެ ރަނގަޅު ފަރުވާ ފޯރުކޮށްދީފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.


 
މިދެހާދިސާގެ ކަންކަން ހިގާފައިވާ ގޮތް ބެއްލެވުމަށްފަހު ހެލްތު މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސާރވިސަސް ޑޮކްޓަރ ޝީޒާ އަލީ ވިދާޅުވީ ފުރަތަމަ ހާދިސާގައި މަންމައާއި ދަރިފުޅުގެ ފުރާނަ ސަލާމަތްވުމުގައި ޑޮކްޓަރ އަމަލުކޮށްފައިވާގޮތް މުހިއްމު ކަމުގައެވެ. އަދި ދެވަނަ ހާދިސާގައި ކުއްޖާ މަރުވެފައިވަނީ، މައިމީހާގެ ބަނޑުތެރޭގައި އޮވެ، ކުއްޖާގެ ފޫޅުދަނޑި ކަރުގައި އޮޅިގެންކަމަށްވެސް ޝީޒާ ވިދާޅުވިއެވެ.


 
ހެލްތު މިނިސްޓަރ މަރިޔަމް ޝަކީލާ ވިދާޅުވީ ރާއްޖޭގެ އެހެން ހޮސްޕިޓަލެކޭ އެއްފަދައިން ފުވައްމުލަކު ހޮސްޕިޓަލުގައިވެސް ބޭނުންވާވަރަށް އަދި ޑޮކްޓަރުން ނެތްކަމަށާއި އެހެންނަމަވެސް އެތަނުގައި ހުރި ހުރިހާ މެޝިންތަކާއި އެހެންވަސީލަތްތަކަކީވެސް ބަރާބަރަށް މަސައްކަތްކުރާ ވަސީލަތްތައްކަމަށެވެ.


 
 


ޑޮކްޓަރާމެދު ބައެއް މީހުންގެ ހިތުގައި ހިތްހަމަނުޖެހުންތަކެއް ހުރިކަން ގަބޫލުކުރެއްވޭކަމަށާއި އެކަމުގައި ޚިދުމަތް ރަނގަޅުކޮށް ޑޮކްޓަރުން ހޯދުމުގެ މަސައްކަތް މިހާރުވެސް ފެށިގެން ހިގަމުންދާކަމަށް އެކަމަނާ ވިދާޅުވިއެވެ.