ކުޅިވަރު

ނޭމާ ރެއާލްމެޑްރިޑަށް ދިއުމާމެދު މައްސަލައެއްނެތް: ޕުޔޯލް


ބާސެލޯނާގެ ކުރީގެ ފޯވަޑް ބްރެޒިލްގެ ނޭމާ ސަންޓޯސް އެ ޓީމާ އެންމެ ވާދަވެރި ރެއާލް މެޑްރިޑަށް ކުޅެން ސޮއި ކުރިޔަސް އެކަމާމެދު އެއްވެސް މައްސަލައެއްނެތް ކަމަށް އެ ޓީމުގެ ކުރީގެ ކެޕްޓަން ކާލޮސް ޕުޔޯލް ބުނެފިއެވެ.

ނަމަވެސް ޕުޔޯލް ބުނީ ދުނިޔޭގެ ރެކޯޑް ފީއެއް ކަމަށްވާ 222 މިލިއަން ޕައުންޑަށް މިދިޔަ އަހަރު ޕީއެސްޖީއާ ގުޅުނު ފޯވަޑް ދޫކޮށްލަން ޕީއެސްޖީން އެއްބަސްވާނެ ކަމަށް އޭނާ އަށް ޤަބޫލު ނުކުރެވޭ ކަމަށެވެ.

"އެމީހުން އޭނާއަށް ވަރަށް ގިނަ ފައިސާ އިންވެސްޓްކޮށްފި. އެހެންވީމާ އެންމެ ސީޒަނަކަށް ފަހު ޕީއެސްޖީން އޭނާ ދޫކޮށްލާނެ ކަމަށް ނުބެލެވޭ. އަދި އޭނާ ރެއާލްއަށް ބަދަލުވިޔަސް އެއީ އެއްވެސް މައްސަލައެއް ކަމަށް އަހަރެން ނުދެކެން،" ޕުޔޯލް ބުންޏެވެ.

ޕީއެސްޖީ ދޫކޮށް ނޭމާ އެންމެ ފުރަތަމަ ބަދަލުވާން ބޭނުންވަވަނީ ބާސެލޯނާ އަށެވެ. ނަމަވެސް އެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެފައިވާތީ ރެއާލް މެޑްރިޑުން އޭނާ ގަތުމަށް ކުރާ މަސައްކަތަށް އެއްބާރުލުންދޭން ނޭމާގެ ބައްޕަ ވަނީ ދެ ފަހަރެއްގެ މަތީން މެޑްރިޑުގެ އޮފިޝަލުންނާ މަޝްވަރާކޮށްފައެވެ.

މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ރެއާލްގެ އިތުރުން އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީންވެސް ވަނީ ނޭމާ ހޯދުމަށް މަސައްކަތް ފަށައިފައެވެ. އަދި ބާސެލޯނާގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅެން ނޭމާ ވެސް ބޭނުންވާ ކަމަށްވެއެވެ.

ބާސެލޯނާއަށް ކުޅެފައިވާ ކުޅުންތެރިއަކު ރެއާލް މެޑްރިޑަށް ބަދަލުވުމަކީ އެކުލަބުން އެއްވެސް އިރަކު މައާފްކުރާ ކަމެއްނޫނެވެ. 2000 ވަނަ އަހަރު ލުއިސް ފީގޯ ބާސެލޯނާގައި ހުރެފައި މެޑްރިޑަށް ބަދަލުވީތީ، އަދިވެސް ބާސެލޯނާގެ ސަޕޯޓަރުން އޭނާއަށް މައާފްނުކުރެއެވެ.

ޕީއެސްޖީގެ އިސް ވެރިން ވަނީ މިވަގުތު އަނިޔާގައި ހުރި ނޭމާއާ އަންނަ ސީޒަނާ ބެހޭ ގޮތުން މަޝްވަރާކުރަން އޭނާގެ ގެއަށް ވެސް ގޮސްފައެވެ. ޕީއެސްޖީއަށް ކުޅުނު ފުރަތަމަ ސީޒަނުގައި ނޭމާ ވަނީ 30 މެޗުން 29 ގޯލު ޖަހާފައެވެ.