ޚަބަރު

އިންސާނީ ހައްޤުތަކާބެހޭ ކައުންސިލްގައި ރާއްޖެ މުހިންމު ދައުރެއް


އދ ގެ 37 ވަނަ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލްގެ ސެޝަންގައި ރާއްޖެއިން މުހިންމު މަސައްކަތްތަކެއް ކޮށްފައިވާކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒުން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ޖެނީވާގައި ކުރިއަށްދިޔަ މި ސެޝަންގައި އދގެ އިންސާނީ ހައްޤުތަކާބެހޭ ކައުންސިލްގެ ތެރެއިން ކުރިޔަށްގެންދިޔަ ފަލަސްތީނާއި ސީރިޔާއާއި މިޔަންމާގެ ރޮހިންޔާ މުސްލިމުންގެ މައްސަލައާ ގުޅުން ހުރި ސެޝަންތަކުގައި ވަކާލާތުކޮށް ރާއްޖެއިން މުހިންމު މަޝްވަރާތަކެއް ކުރިޔަށް ގެންގޮސްފައިވާކަމަށެވެ.

ހަތަރު ހަފްތާއަށް ޖެނީވާގައި ކުރިޔަށްދިޔަ އދގެ އިންސާނީ ހައްޤުތަކާބެހޭ ކައުންސިލްގެ 37ވަނަ ސެޝަން ނިންމާލާފައިވާއިރު މިސެޝަންގައި ރާއްޖެއިން 15 ފޯމަލް ސްޓޭޓްމަންޓެއް ދީފައިވެއެވެ. އަދި މިކައުންސިލުން ފާސްކުރި 42 ޤަރާރެއް ހުށަހަޅާ ފާސްކުރުމުގައިވެސް ރާއްޖެއިން މައި ރޯލެއް އަދާކޮށްފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

އދގެ އިންސާނީ ހައްޤުތަކާބެހޭ ކައުންސިލްގެ އެކި ސެޝަންތަކުގައި ބައިވެރިވި ދިވެހި ވަފުދުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޝިހާމް އާއި ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީގެ އިތުރުން ރާއްޖެއިން އދއަށް ކަޑައަޅާފައި ހުންނަ މަންދޫބާއި ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލުން ހިމެނެއެވެ.