ޚަބަރު

އައިޖީއެމްއެޗުގައި ސްމޯކިންގ ސެސޭޝަން ކްލިނިކެއް ހުޅުވަނީ


ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗުގައި ސްމޯކިންގ ސެސޭޝަން ކްލިނިކެއްގެ ޚިދުމަތް އަންނަ މަހު ދޭން ފަށާނެ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

އައިޖީއެމްއެޗުގެ ސީއީއޯ ބްރިގޭޑިއަރ ޖެނެރަލް ފަރުޙަތު ޝަޙީރު ވިދާޅުވީ، ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލަން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޤާއިމުކުރާ މިކްލިނިކް އަންނަ މަހުގެ ހަތްވަނަ ދުވަހު ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށާއި އެކަމުގެ ތައްޔާރީތައް ކުރަމުން އަންނަ ކަމަށެވެ. ފަރުހަތު ވިދާޅުވީ، ސްމޯކިންގ ސެސޭޝަން ކްލިނިކު ހުޅުވުމުން އެކަމުގެ ފައިދާ ޢާންމުންނަށް ލިބޭނެ ކަމަށެވެ.

'' މިސަރވިސް މިދެނީ އިން ޕޭޝަންޓުންނާއ، އައުޓް ޕޭޝަންޓުންނާއި، އަދި ޚާއްސަކޮށް އައިޖީއެމްއެޗުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ސިނގިރޭޓް ނުވަތަ ދުންފަތުގެ އިސްތިޢުމާލުކުރާ ބޭފުޅުން، އެބޭފުޅުން އެކަމުން ދުރަށް ދިއުމަށް އަޅުގަނޑުމެން އެހީތެރިވެދިނުމުގެ ނިޔަތުގައި. އެހެންވީމަ 7 އެޕްރީލްގައި ޚިދުމަތް ފަށާނެ ވާހަކަ މިއަދު އަޅުގަނޑު ޢިއުލާނުކުރަން ''އައިޖީއެމްއެޗްގެ ސީއީއޯ ވިދާޅުވިއެވެ.

އައިޖީއެމްއެޗުގެ ރެސްޕިރޭޓަރީ މެޑިސިންގ ޑިޕާރޓްމަންޓުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މި ކްލިނިކް މެދުވެރިކޮށް، ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލަން ބޭނުންވާ މީހުންނަށް ކައުންސެލިންގ ދިނުމާއި، ނިކޮޓިންގ ރިޕްލޭސްމަންޓް ތެރަޕީއާއި، ކޮންސަލްޓޭޝަންގެ ޚިދުމަތް ލިބެން ހުންނާނެ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ. 

އައިޖީއެމްއެޗުން ވަނީ ސްމޯކިންގ ސެސޭޝަން ކްލިނިކު ޤާއިމްކުރުމުގެ ގޮތުން އެކަމުގައި ޙަރަކާތްތެރިވާނެ ސިއްޙީ އެހީތެރިންވެސް ތަމްރީނުކޮށްފައެވެ.

އައިޖީއެމްއެޗުން ވަނީ ނޭވާލާ ނިޒާމުގެ ބަލިތަަކަށް ފަރުވާ ދިނުމަށްވެސް ޚާއްޞަ ޔުނިޓެއް ހުޅުވާ ޚިދުމަތްދޭން ފަށާފައެވެ.