ޚަބަރު

އައިޖީއެމްއެޗްގައި ނޭވާލާ ނިޒާމުގެ ބަލިތަކަށް ފަރުވާދޭ ޔުނިޓެއް




ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކަށް ފަރުވާދީ، އެކަމާ ގުޅޭ ތަހުލީލްތަށް ކުރުމަށް އިންދާރީ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗުގައި ޚާއްސަ ޔުނިޓެއް ހުޅުވައިފިއެވެ.

މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ޓީބީ ދުވަހާ ގުޅުވައިގެން އައިޖީއެމްއެޗުގައި ބޭއްވި ރަސްމިއްޔާތެއްގައި ރެސްޕިރޭޓަރީ އިންފެކްޝިއަސް ޑިޒީސް އެންޑް ޑައިގްނޯސްޓިކް ޔުނިޓް، ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް ޑރ.ޢާއިޝަތު ރަމީލާއެވެ. 

އައިޖީއެެމްއެޗުގެ ރެސްޕިރޭޓަރީ މެޑިސިންގ ޑިޕާރޓްމަންޓުގެ ދަށުން، ހިންގާ މި ޔުނިޓުން ނޭވާލާ ނިޒާމުގެ އެކި ބަލިތަކަށް ފަަރުވާ ހޯދާ މީހުންނަށް އެއްތަނަކުން ފަސޭހައިން ޚިދުމަތް ލިބި، އެކަމާ ގުޅޭ ތަހުލީލުތައް ހެދުމުގެ މަގު ތަނަވަސްވެގެންދާނެ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ. މި ޔުނިޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަަކަދައްކަވަމުން އައިޖީއެމްއެޗްގެ ސީއީއޯ ބްރިގޭޑިއަރ ޖެނެރަލް ފަރުޙަތު ޝަޙީރު ވިދާޅުވީ، ނޭވާލާ ނިޒާމުގެ ބަލިތަކަށް ޚާއްޞަ މިފަދަ ސެންޓަރެއް ޤާއިމްކުރެވުމުން، މިބަލިތަކުގައި ފަރުވާ ހޯދަމުން އަންނަ ބަލިމީހުންނަށް ބޮޑު ފަސޭހަތަކާ ރައްކާތެރިކަމެއް ލިބިގެންދާނެ ކަމަށެވެ. ފަރުހަތު ވިދާޅުވީ، މިޔުނިޓުން ދޭ ޚިދުމަތް އިތުރަށް ފުޅާކޮށް ތަރައްޤީކުރުމަށް އައިޖީއެމްއެޗުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެމަސައްކަތް މިއަހަރުގެ ޖޫން މަހު ނިންމާލެވެނޭ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

'' ޕޭޝަންޓުންނާއި މަސައްކަތްކުރާ ސްޓާފުންނަށް ވަރަށް ބޮޑު ލުއި ފަސޭހަ ތަކެއް ލިބިގެންދާނެ. މިދުވަސްކޮޅުވެސް މަރާމަތަށް ޓީބީ ބަޔަށް ފަރުވާދޭ ތަން ބަންދުކޮށްގެން އެކަމުގެ ނުތަނަވަސްކަން ހޮސްޕިޓަލްތެރޭގައި އެބައޮތް. އެހެންނަމަވެސް މި ފުއްޕާމޭގެ ބަލިތަކާ އެކަމަށް ބެހޭ ތަހުލީލްތަށް ކުރެވޭނެ ގޮތް މިޔުނިޓުގެ ތެރޭގައި އިންތިޒާމުކުރެވިފައި މިހާރު ވަނީ ''  އައިޖީއެމްއެޗުގެ ސީއީއޯ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް ޑރ. ޢާއިޝަތު ރަމީލާ ވިދާޅުވީ، ދިވެހިރާއްޖެއަކީ ދެކުނު އޭޝިއާ ޞަރަޙައްދުން ޓީބީ ނައްތާލެވިފައިވާ ފުރަތަމަ ޤައުމަށް ހެދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. މިލަނޑުދަނޑި ޙާސިލްކުރުމުގައި އައިޖީއެމްއެޗުގެ ރެސްޕިރޭޓްރީ ޑިޕާރޓްމަންޓުން އަދާކުރާ ދައުރު ޑރ.ރަމީލާ ފާހަގަކުރެއްވިއެވެ. 

'' 2022 ގެ ނިޔަލަށް ސައުތް އީސްޓް އޭޝިއާ ޤައުމުތަކުގެ ތެރެއިން ރާއްޖެއަކީ ޓީބީ ނައްތާލެވިފައިވާ ޤައުމަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއް. އެކަމަށް ސްޓްރަކްޗަރޑް ޕްރޮގްރާމްތަކެއް ރޭވިގެން ހިންގަމުން ދަނީ. އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ އައިޖީއެމްެޗުގެ ރެސްޕިރޭޓްރީ މެޑިސިން ޑިޕާރޓްމަންޓުންނާއި، އައިޖީއެމްއެޗްގެ ލެބްރަޓްރީއިން މިކަަމށް ބޮޑު އެހީތެރިކަމެއް ދެއްވާ'' އައިޖީއެމްއެޗުގެ ސީއީއޯ ވިދާޅުވިއެވެ.

ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކަށް ފަރުވާދިނުމަށް އަލަށް ހުޅުވި މި ޔުނިޓުން، މިހާރު ޓީބީ ބަލި ދެނެގަތުމަށްޓަކައި ރާއްޖެއިން ބޭރަށް ސާމްޕަލް ފޮނުވައިގެން ހަދަމުން އަންނަ ޓީބީ ކަލްޗަރ ޓެސްޓު، މިޔުނިޓުން ހެދެން ހުންނާނެ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ. އަދި ޓީބީ ބަލި ދެނެގަތުމަށްޓަކައި އެންމެ ފަހުގެ ޒަމާނީ ވަޞީލަތްތައް ޤާއިމްކުރެވި، ޓީބީ ނައްތާލުމަށް ސަރުކާރުން ކަނޑައަޅާފައިވާ ޢަމާޒަށް ވާސިލުވުމުގެ ގޮތުން ޓީބީ ބަލިޖެހުމުގެ ކުރިން ހަށިގަނޑުގައި ޓީބީގެ ޖަރާސީމު ހުރިތޯ ބެލުމަށް ހަދާ ޓެސްޓުތަށް ހެދުމުގެ އިންތިޒާމުވެސް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.