ޚަބަރު

ކޮރަޕްޝަނުގެ މައްސަލަތަކުގައި 1.8 ބިލިއަން ލިބެންޖެހޭ - އޭސީސީ


ވޭތުވެދިޔަ 9 އަހަރުގެ ތެރޭގައި ކޮރަޕްޝަނުގެ އެކި މައްސަލަތަކާ ގުޅިގެން 1.8 ބިލިއަން ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް ޝަރީޢަތަށް ހުށައެޅުމަށް ޕީ.ޖީ އޮފީހަށް ހުށައަޅާފައިވާކަމަށް އޭ.ސީ.ސީން ހާމަކޮށްފިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުގެ 2017 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ބަޔާންކޮށްފައިވާގޮތުން 2009 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރުގެ ނިޔަލަށް ކޮރަޕްޝަނުގެ އެކި މައްސަލަތަކާ ގުޅިގެން ޖުމްލަ 1850 މިލިއަން ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް ޝަރީޢަތަށް ހުށައެޅުމަށް ޕީޖީއޮފީހަށް ފޮނުވާފައިވެއެވެ. 

އެގޮތުން އެންމެ ގިނަ ފައިސާ ދައުލަތަށް ހޯދުމަށް ޝަރީޢަތަށް ހުށައަޅާފައިވަނީ 2017 ވަނަ އަހަރުއެވެ. އެއީ އެމް.އެމް.ޕީ.އާރ.ސީގެ ޚިޔާނާތުގެ މައްސަލަ އޭސީސީން ބަލައި ނިންމީ އެއަހަރު ކަމަށްވާތީއެވެ.

އެމް.އެމް.ޕީ.އާރ.ސީގެ ޚިޔާނާތުގެ މައްސަލަ ނުހިމެނޭގޮތުން 2014 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާ ދެމެދު ދައުލަތަށް އަނބުރާ ލިބެންޖެހޭކަމަށް ކަނޑައަޅާފައވާ ފައިސާގެ ޢަދަދު ނިސްބަތުން މަދެވެ.

އޭސީސީގެ ތަފާސްހިސާބުތައް ދައްކާގޮތުން އެކޮމިޝަނަށް ހުށައަޅާފައިވާ އެކި މައްސަލަތަކާ ގުޅިގެން 2017 ވަނަ އަހަރުގެ ތެރޭގައި ދައުލަތުގެ އެކި އިދާރާތަކަށް 356 އެންގުމެއް އަންގާފައިވެއެވެ. އެކި އިދާރާއަކާ ގުޅިގެން އޭސީސީއަށް ހުށައަޅާފައިވާ މައްސަލަތަކާ ގުޅިގެން އެންމެ ގިނައިން އެންގުންތައް އަންގާފައިވަނީ ރަށު ކައުންސިލްތަކާއި، ސަރުކާރު ޙިއްޞާވާ ކުންފުނިތަކަށެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުގެ 2017 ވަނަ އަހަރުގެ ތަފާސްހިސާބުތައް ދައްކާގޮތުން ޖުމްލަ 817 މައްސަލަ އެކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވެއެވެ. އަދި އެހެން އަހަރުތަކުގައި ހުށައެޅުނު މައްސަލަތައް ހިމެނޭގޮތުން ޖުމްލަ 1326 މައްސަލަ 2017 ވަނަ އަހަރު އޭސީސީން ބަލައި ނިންމާފައިވެއެވެ. މީގެތެރެއިން ދައުވާކުރުމަށް ހުށައަޅާފައިވަނީ 13 މައްސަލައެއްގައެވެ.