ވިޔަފާރި

މާލެ، ހުޅުލެ ފެރީޓާމިނަލްގެ މަސައްކަތް އަދިވެސް ނުފެށި
 


މާލޭއާއި ހުޅުލެއާ ދެމެދު ދަތުރުކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން އިމާރާތްކުރުމަށް ހަމަޖެހިފައިވާ ފެރީ ޓާރމިނަލް އެޅުމުގެ މަސައްކަތް ލަސްވަމުން ދަނީ ބިޑުކުރުމުގެ މަރުހަލާގައި ދިމާވި މައްސަލަތަކެއްގެ ސަބަބުން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.


 
އެމް.ބީ.ސީ ނިއުސް އަށް މައުލޫމާތު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އިސްހާގް އަޙުމަދު ވިދާޅުވީ ފެރީ ޓާރމިނަލް އެޅުމަށް ފުރަތަމަ ފަހަރު ބިޑަށް ހުށައެޅުމުން އެކަށީގެންވާ ވަރުގެ ތަރުހީބެއް އެކަމަށް ލިބިފައި ނުވާތީ އިއުލާނު ބާތިލްކޮށް އަލުން ބިޑަށް ހުޅުވާލާފައިވާނެކަމަށެވެ. ނަމަވެސް ބިޑް އިވޭލުއޭޓް ކުރުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް އޭ.ސީ.ސީއިން މިކަމާ ގުޅޭ މައްސަލައެއް ބަލަން ފެށުމާ ގުޅިގެން މަސައްކަތް ހުއްޓާލާ ދެވަނަ ފަހަރަށްވެސް ބިޑް ބާތިލު ކޮށްފައިވާކަމަށް ޑެޕިއުޓީ މިނިސްޓަރ ވިދާޅުވިއެވެ.


 
އޭސީސީ އިން ބުނީ ޓްރާންސްޕޯޓް މިނިސްޓްރީން ހުޅުލެއާއި މާލެއާ ދެމެދު ދަތުރު ކުރާ ފަރާތްތަކަށް ފެރީ ޓާރމިނަލް އެއް އެޅުމަށް ބިޑަށް ހުޅުވައި، އިވޭލުއޭޝަން ސްޓޭޖްގައި ކޮރަޕްޝަންގެ މައްސަލައެއް ފާހަގަ ކުރެވިފައިވާތީ ބިޑު ބާތިލުކޮށް އަލުން ބިޑަށް ހުޅުވާލުމަށް އެ މިނިސްޓްރީއަށް ލަފާދީފައިވާނެކަމަށެވެ. އަދި މި މައްސަލަ އިތުރަށް ބަލަމުން ގެންދިޔަ ނަމަވެސް މަސައްކަތް ކުރިއަށްގެންދިއުމުގެ ފުރުސަތު ދީފައިވާނެކަމަށްވެސް އޭސީސީއިން މައުލޫމާތުދެއެވެ.


 
ޓްރާންސްޕޯޓް މިނސްޓްރީން ބުނީ މިހާރު ކުރިއަށްދަނީ މަސައްކަތް ކުރިއަށްގެންދިއުމަށް ޓަކައި 3 ވަނަ ފަހަރަށް ބިޑަށް ހުޅުވާލުމުގެ މަސައްކަތް ކަމަށާއި، ވަރަށް އަވަހަށް މި މަސައްކަތަށް ބިޑަށް ހުޅުވާލުމަށް ތައްޔާރު ވަމުން ދާކަމަށެވެ.


 
ހުޅުލޭއާއި މާލެއާ ދެމެދު ދަތުރު ކުރާ ފަރާތްތަކަށް ޚާއްސަ ފެރީ ޓާރމިނަލް އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ މިހާރު މަސްވެރިންގެ ޕާރކް ހުންނަ ބިމުގައި ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މައުލޫމާތުދެއެވެ.


 
އެމިނިސްޓްރީން ބުނީ މަސަތްކަށް ހަވާލު ކުރުމަށް ހަމަޖެހިފައިވަނީ 8 މަސް ދުވަހުގެ ތެރޭގައި މަސައްކަތްކޮށް ނިންމާ ގޮތަށް ކަމަށާއި، ޓާރމިނަލް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ އެއްފަޅި ހުޅުލެއާއި މާލެއަށް ދަތުރު ކުރާ ފަރާތްތަކަށް ބޭނުން ކުރެވޭ ގޮތަށް ކަމަށާއި، އަނެއްފަޅި ދަތުރުފަތުރުގެ ނެޓްވޯކްގެ ދަށުން އަތޮޅު ތަކުގެ ފެރީތަކަށް ބޭނުން ކުރެވޭ ގޮތަށް ކަމަށެވެ.


 
 


ހައުސިން މިނިސްޓްރީގެ ކޮންސެޕްޓަކަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިގަތުމަކީ ސަރުކާރުގެ 100 ދުވަހުގެ ލަނޑުދަނޑި ތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެހެން ނަމަވެސް މި މަޝްރޫއުގެ އަމަލީ މަސައްކަށް އަދިވަނީ ފެށޭގޮތް ނުވެފައެވެ.