ވިޔަފާރި

އިޓަލީގެ ފަތުރުވެރިން ރާއްޖެއަންނަ ޢަދަދު އިތުރުވެއްޖެ


ކޮންމެ އަހަރެއްގެވެސް ރާއްޖޭގެ ޓޫރިޒަމް ސީޒަން ފާހަގަކުރެވެނީ ޔޫރަޕްގެ ޤައުމުތަކުން ރާއްޖެއަށް ގިނަ ޢަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ދުވަސްވަރެއްގެ ގޮތުގައެވެ. 

މިފަހަރުގެ ޓޫރިޒަމް ސީޒަން މިހާހިސާބަށް އައިއިރު، މީގެކުރިން ދަށްކަމަށް ފާހަގަކުރެވުނު ޔޫރަޕްގެ ބައެއް މަންޒިލްތަކުން ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު ވަނީ ވަރަށްބޮޑަށް އިތުރުވެފައެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ އިޓަލީވިލާތެވެ. އިޓަލީވިލާތުގެ ޤައުމީ އެއަރލައިން "އަލިޓާލިޔާ" ގެ ޝެޑިއުލް ދަތުރުތަށް ރައްޖެއަށް ފެށުމާއެކު އެޤައުމުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދުވަނީ ވަރަށްބޮޑަށް އިތުރުވެފައެވެ. "އަލިޓާލިޔާ" ގެ ޝެޑިއުލް ދަތުރުތަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ 31 ވަނަ ދުވަހުއެވެ.

އަލިޓާލިޔާގެ ދަތުރުތައް ފެށިފަހުން ހުސްވި ފެބުރުއަރީމަހުގެ ނިޔަލަށް އިޓަލީވިލާތުން ރާއްޖެއަށް ވަނީ، 50045 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މީގެ ކުރީ އަހަރާ އަޅާބަލާއިރު %21.2 ކުރިއެރުމެކެވެ.

އެލިޓާލިއާއިން ދަނީ ހަފްތާއަކު 3 ދުވަހު ރާއްޖެއަށް ދަތުރުތައް ބާއްވަމުންނެވެ. އެއީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު، އާދިއްތަ އަދި ބުދަދުވަހުއެވެ.

އަލިޓާލިޔާގެ ދަތުރުތަށް ރާއްޖެއަށް އެންމެ ފުރަތަމަ ފަށާފައިވަނީ 1985 ވަނަ އަހަރުގެ ތެރޭގައެވެ. އޭގެފަހުން އަހަރުތަކެއް މެދުކެނޑުމަކަށްފަހު 2014 ވަނަ އަހަރުވެސް އެ އެއަރލައިނުން ވަނީ ޓޫރިޒަމް ސީޒަނާދިމާކޮށް ރާއްޖެއަށް ދަތުރުތައް ބާއްވާފައެވެ.

ޓޫރިޒަމް ސިނާއަތުން ފާހަގަކުރާގޮތުގައި އިޓަލީއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ވަރަށް ހާއްސަ މާކެޓެކެވެ. 1972 ވަނަ އަހަރު ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްވެގެން އާއިރު، ފަތުރުވެރިއެއްގެ ގޮތުގައި ރާއްޖެއަށް އެންމެފުރަތަމަ ޒިޔާރަތްކޮށްފައިވަނީވެސް އިޓަލީގެ ރައްޔިތެކެވެ.