ޚަބަރު

ޅެންވެރިންގެ "ގުންޒަރު" ބާއްވައިފި


ދުނިޔޭގެ ޅެންވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޤައުމީ ޔުނިވާރސިޓީއާއި ދިވެހި ބަހުގެ އެކަޑަމީއިން ގުންޒާރުގެ ނަމުގައި ޚާއްސަ ހަރަކާތެއް ކުރިޔަށް ގެންގޮސްފިއެވެ. 

ދުނިޔޭގެ ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށް ޤައުމީ ޔުނިވާރސިޓީގެ ފެކަލްޓީ އޮފް އާރޓްސްގެ ދަރިވަރުންގެ ޔޫނިއަން، ސިއާ އާއި ދިވެހި ބަހުގެ އެކަޑަމީ ގުޅިގެން  ކުރިޔަށް ގެންދިޔަ ޚާއްސަ ޙަފްލާއަކީ ޔުނިވާރސިޓީ، އެކަޑަމީ އަދި ރާއްޖޭގައި ހުންނަ ބޭރުގެ ސަފާރާތަކުގެ އޮފިޝަލުން ބައިވެރިވެގެން ކުރިޔަށް ގެންދިޔަ ހަފްލާއެކެވެ. އެމް.އެން.ޔޫގައި އޮތް މިހަފްލާ ޝަރަފްވެރިކޮށްދެއްވީ އޮގްރު އިބްރާހީމް ވަޙީދެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޮގަރު ވަހީދު ވަނީ ރާއްޖެއަކީ މުއްސަނދި އަދަބިއްޔާތަކާ، މޮޅު ޅެން ވެރިންނާ ލިއުންތެރިން ގިނަ ޤައުމެއްކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭފަދަ އަދަބިއްޔާތެއް އޮންނަ ޤައުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ދިވެހި ރާއްޖޭގައި ހުންނަ ބޭރުގެ އެންބަސީތަކާއި، ދިވެހި ބަހާއި އާދަކާދަ ދިރުވައި އާލާކުރުމަށް މަސައްކަތްކުރާ ދިވަހި ބަހުގެ އެކަޑަމީއާއި އެހެނިހެން މުއައްސަސާތައް ގުޅިގެން ލިއުންތެރިކަމުގެ ބައިނަލްއަޤްވާމީ ފެންވަރުގެ ފެސްޓިވަލެއް ރާއްޖޭގައި ބޭއްވުމަށް ވަހީދު އެދިވަޑައިގެންނެވިއެވެ. 

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފު ޢަލީ ވަނީ ޅެންވެރިންގެ ދުވަހުގެ ޝިއާރު "ޅެންވެރިކަމަކީ ރަން ކަސަބެއް" މި މައުޟޫއަށް އަލިއަޅުއްވާލައްވައި ވާހަކަދައްކަވާފައެވެ. އަދި ދިވެހި އަދަބިއްޔާތާއި ބަސް ބައިނަލްއަޤްވާމީ ފެންވަރެއްގައި ޕްރޮމޯޓްކުރުމަކީ އެކަޑަމީއިން ގެންގުޅޭ ވިސްނުމެއްކަން އަޝްރަފް ފާހަގަކުރެއްވިއެވެ.

މިހަފްލާގައި އިންޑިއާ، ޕާކިސްތާން، ސްރީ ލަންކާ އަދި ޖަޕާނުގެ އެންބަސީ އޮފިޝަލުން ބައިވެރިވެފައިވެއެވެ. މިހަފްލާގެ ތެރެއިންވަނީ ދިވެހި ބަހުންނާ، އުރުދޫ ބަހުން ލިޔެފައިވާ ޅެންތައް އެކި ފަރާތްތަކުން ހުށަހަޅާދީފައެވެ. އަދި ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުން ވަނީ މިޙަފްލާގައި ޚާއްސަ މުނިފޫހިފިލުވުމުގެ ޙަރަކާތްތަކެއްވެސް ހުށަހަޅާފައެވެ.