ސިޔާސީ

1 ފެބްރުއަރީގެ އަމުރަކީ ތާރީޚްގައި ކުރިމަތިވި އެންމެބޮޑު ޢުދުވާން


ފެބުރުއަރީ 1 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވީ ދިވެހި ތާރީޚުގައިވެސް ކުރިމަތިވި އެންމެ ބޮޑު ޢުދުވާންކަމަށް ޕީޕީއެމްގެ ނާއިބުރައީށް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ތިނަދޫ ރައްޔިތުން އިސްނަގައިގެން "ރުމާލު 2" ޖަގަހައިގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވީ، ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުގެރޭ ސުޕްރީމް ކޯޓުން ނެރުނު ޢަމުރަކީ ދުނިޔޭގެ ތާރީޚްގައިވެސް ޖުޑީޝަރީއަކުން ޤައުމެއްގެ ވެރިކަން ވައްޓާލަންއުޅުނު ފުރަތަމަ ފަހަރުކަމަށެވެ. އަދި މިކަމުން ޤައުމު ސަލާމަތްކޮށްދިނުމަށްޓަކައި ރައީސް ޔާމީން ދެއްކެވި ނަމޫނާއަކީ ކޮންމެ ލީޑަރަކަށް ދެއްކޭނެ ސާބިތުކަމެއް ނޫންކަމަށެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ، ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހަށްފަހު ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގައި އެޕާޓީގެ ފަރާތުން ރައްޔިތުންނާ ޙިއްޞާކުރި މައުލޫމާތަކީ ތެދު ޙަޤީޤަތްކަން މިއަދު ހާމަވެފައިވާކަމަށެވެ. އަދި ޕީޕީއެމަކީ ރައްޔިތުންނަށް އޮޅުވާލާނެ ޕާޓީއެއް ނޫންކަން މިކަމުންވެސް ހާމަވާކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

މި ޖަލްސާއަކީ ރާއްޖޭގެ އަތޮޅެއްގެ ރަށަކަށް ނިސްބަތްވާ ރައްޔިތުން އިސްވެ މާލޭގައި ރާއީސް ޔާމީނަށް ތާއީދު ކުރާކަން ހާމަކުރުމަށްޓަކައި ބޭއްވި ފުރަތަމަ ޖަލްސާކަމަށެވެ.

މިޖަލްސާގައި ވާހަކަދައްކަވަމުން ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަޙްމަދު ނިހާން ޙުސެއިން މަނިކު ވިދާޅުވީ، ތިނަދޫއަކީ ސަރުކާރާ އިދިކޮޅު ފިކުރުގެ ރަށެއްކަމަށް ދެއްކުމަށް ބަޔަކު މަސައްކަތް ކުރިނަމަވެސް ތިނަދޫ ރައްޔިތުން ތިބީ ރައީސްޔާމީނާއެކުކަން މި ޖަލްސާއިން އެކަނިވެސް ހާމަވާކަމަށެވެ. ހުވަދޫ ބަހުރުވައިން ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ، ތިނަދޫ ރައްޔިތުން ރައީސް ޔާމީނަށް ތާއިދުކުރަނީ އެމަނިކުފާނުގެ ވެރިކަމުގައި މަދުދުވަސްކޮޅެއްތެރޭގައި ތިނަދޫއަށް ގެނެސްފައިވާ ތަރައްޤީގެ ސަބަބުންކަމަށެވެ. އަދި މިއަދު ތިނަދޫގައި އެހެން ސިޔާސީ ފިކުރުތަކަށް ތައީދުނެތްކަމަށް ނިހާން ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/15217422925159.jpg|ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު މިރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަނީ - ފޮޓޯ: ޕީއެސްއެމް

މިޖަލްސާގައި މާލޭގައި ދިރިއުޅޭ ތިނަދޫ ރައްޔިތުންގެ އިތުރުން، ޕީޕީއެމަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، ދައުލަތުގެ ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.