ކުޅިވަރު

އޮފީސް ބިލިއަޑް މުބާރާތް ހޮނިހިރު ދުވަހު ފަށާނެ


ރާއްޖޭގައި ފުރަތަމަ ފަހަރަށް ބިލިއަރޑް ސިންގްލްސް އިވެންޓުގައި ދެޖިންސް އެއްކޮށް ވާދަކުރާ، އިންޓަރ އޮފީސް ބިލިއާރޑް މުބާރާތް ހޮނިހިރު ދުވަހު ފަށަން ނިންމައިފިއެވެ.

 މިއަހަރުގެ އިންޓަރ އޮފީސް ބިލިއަރޑް މުބާރަތުގައި ބައިވެރިވި އޮފީސްތައް ވަނީ ދެ ގުރޫޕަކަށް ބަހާލާފައެވެ. މުބާރާތް ކުރިޔަށްގެންދާނީ ދެއިވެންޓަކަށް ބަހާލައިގެންނެވެ. އެގޮތުން މިއަހަރުވެސް ޓީމް އިވެންޓުގެ އިތުރުން ސިންގަލްސް އިވެންޓުވެސް މުބާރާތުގައި ހިމެނެއެވެ. މުބާރާތުގެ ސިންގަލްސް އިވެންޓްގު މެޗުތައް ކުރިޔަށްދާނީ ނޮކްއައުޓް އުސޫލުންނެވެ. 

 ރޭ ބޭއްވި މުބާރާތުގެ ގުރުނެގުމުގެ ރަސްމިއްޔާތަށް ފަހު ބިލިއާރޑް އެސޯސިއޭޝަންގެ ޖެނެރަލް ސެކެރެޓަރީ ބިޝާރު ބުނީ މިއަހަރު މުބާރާތުގައި ސިންގަލްސް އިވެންޓުގައި ފިރިހެން ކުޅުންތެރިންނާ ވާދަކުރަން ބައެއް އޮފީސްތަކުން އަންހެން ކުޅުންތެރިން ނަން ހުށަހަޅާފަވާކަމަށެވެ. މުބާރާތުގެ ޤަވާއިދުގައި ފިރިހެން ކުޅުންތެރިން އަންހެން ކުޅުންތެރިންނާ ވާދަކުރަން ހިމަނާފައި ނެތްނަމަވެސް، އެގޮތަށް ކުޅެން ފުރުސަތު ދިނީ ގިނަ އޮފީސްތަކުން އެގޮތަށް އެދިފަވާތީކަމަށް ބިޝާރު ބުންޏެވެ. އެހެންނަމަވެސް ކުރިއަށް ހުރި މުބާރާތްތަކުގައި އަންހެން އިވެންޓް ވަކިން ބޭއްވުމުގެ ވިސްނުން އެސޯސިއޭޝަނުން ގެންގުޅޭކަމަށް އޭނާ ބުންޏެވެ.

" މުބާރަތުގައި ބައިވަރިވާން އޮފީސްތަކުން ނަންތައް ހުށެހެޅިއިރު ސިންގަލްސް އިވެންޓުގައި ފިރިހެން ކުޅުންތެރިން އަންހެން ކުޅުންތެރިނާވެސް ވާދަކުރާނެ. މީއީ ހަޤީގަތުގައި މުބާރާތް އިތުރަށް ފޯރިގަދަވާނެކަމެއް. ރާއްޖޭގެ ބިލިއަރޑަށް ލިބުނު ކުރިއެރުމެއް." ބިޝާރު ބުންޏެވެ.

ބިޝާރު ބުނީ މިއަހަރުގެ މުބާރާތަށް އޮފީސްތަކުން ދިން ތަރުހީބު ބޮޑުކަމަށެވެ.

މުބާރާތުގެ ޓީމް އިވެންޓުގައި ވާދަކުރާ ޓީމްތައް ބަހާލާފަވަނީ ދެގުރޫޕަކަށެވެ. ކޮންމެ ގުރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމަށް މުބާރާތުގެ ފައިނަލު ރައުންޑްގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެއެވެ. މުބާރާތުގައި ބާރަ އޮފީހަކުން ވާދަކުރާނެއެވެ. 

ހުސްވި އަހަރު އިންޓަރ އޮފީސް ބިލިއަރޑް މުބާރާތް ކާމިޔާބު ކުރީ މޯލްޑްވިސް ކަސްޓަމްސް ސާވިސްއެވެ.