ކުޅިވަރު

އެސިސްޓެންޓް ކޯޗަކަށް ޝާކިއްޓޭ، ގިނަ ދުވަހު ހުންނާނެ!


ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް އީގަލްސްގެ ކުރީގެ އެސިންޓެންޓް ކޯޗް އަހްމަދު ޝާކިރު ( ޝާކިއްޓޭ ) ހަމަޖައްސައިފިއެވެ. 

ޝާކިރު އެ މަޤާމަށް ހަމަޖެއްސީ މާދަމާ ސިންގަޕޫރުގައި ކުޅޭ އެކުވެރި ކަމުގެ މެޗާއި، އަންނަ ހަފްތާގައި އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ވާދަކުރާ މެޗަށެވެ. ނަމަވެސް ކޯޗު ޕީޓާ ސެގަޓް ބުނީ ޝާކިރު އެއަށް ވުރެ ގިނަ ދުވަހު އޭނާގެ އެސިސްޓެންޓަކަށް ހުންނާނެ ކަމަށެވެ. ސެގަޓް ބުނީ ޝާކިރުގެ އުޅުމާ ދޭތެރޭ ހިތްހަމަޖެހޭ ކަމަށާއި، ރާއްޖޭގެ ކޯޗުންނަށް އުގަންނައިދިނުމަށްވެސް ބޭނުންވާ ކަމަށެވެ.

 އީގަލްސްގެ ސީނިއާ ޓީމްގެ އެސިސްޓެންޓް ކޯޗް ކަމާއި ޒުވާން ޓީމުގެ ހެޑް ކޯޗްކަންވެސް ކޮށްފައިވާ ޝާކިރަށް ފުރުސަތު ދިނީ އޭނާގެ މަސައްކަތްތެރި ކަމުން ކަމަށާއި، ޝާކިރަކީ ވަރަށް ހުނަރުވެރި ޒުވާން ކޯޗެއްކަންވެސް ޤައުމީ ކޯޗު ސެގަޓް ފާހަގަކުރިއެވެ. މީގެ އިތުރުން ސެގަޓް ބުނީ މިއީ އެފް އޭ އެމް ގެ އިތުރުން އޭނާގެވެސް ނިންމުމެއް ކަމަށާއި، ކުރިއަށް އޮތްތާނގައި އެސިސްޓެންޓް ކޯޗަކީ ބޭރު ކޯޗަކަށްވެސް ވެދާނެކަމަށެވެ.

"މިހާރަށް އަހަރެމެން މި ނެގީ ޝާކިރު، މިވީ ދުވަސްތަކުތެރޭގަ ވަރަށް ރަނގަޅަށް މަސައްކަތް ކުރި، އޭނަ އަކީ ޒުވާން ހުނަރުވެރި ކޯޗެއް. ކުރިމަގަށް އަދި ވިސްނާނަން. ޝާކިރު އަހަރެންނާއެކީ ހުންނާނެ ގިނަ ދުވަސްތަކަކަށް، އަހަރެންނަށް ކަމުދޭ އޭނާ އުޅޭގޮތް، އަދި އަހަރެން ބޭނުން ރާއްޖޭގެ ކޯޗުންނަށް ދަސްކޮށްދޭން، މިއީ ފެޑަރޭޝަނާއި އަހަރެންގެވެސް ނިންމުމެއް. ކުރިއަށް އޮތްތާނގަ ގެންނާނަން އެކީ މަސައްކަތްކޮށް އެހީވާނެ އިތުރު މީހެއް. ރާއްޖެއިން ވިޔަސް، ބޭރުން ވިޔަސް، ބަލަމާ." ކޯޗު ބުންޏެވެ.

މިދިޔަ ސީޒަނަށްފަހު އީގަލްސް އިން ވަކިވެ، މިހާރު އެފް.އޭ އެމްގައި މަސައްކަތް ކުރަމުންދާ ޝާކިރު ވަނީ، ރޭ ޤައުމީ ޓީމާއެކު އެސިސްޓެންޓް ކޯޗުގެ ގޮތުގައި ސިންގަޕޫރަށް ގޮސްފައެވެ.