ޚަބަރު

އާއްމު ތަންތަނަށް ކުނި އަޅާ ފަރާތްތައް ޖޫރިމަނާކުރަނީ





 


އާއްމު ތަންތަނަށް ކުނި އަޅާ ފަރާތްތައް މިމަހުގެ ފަސްވަނަ ދުވަހުން ފެށިގެން ޖޫރިމަނާކުރަން ފަށާނޭކަމަށް އެންވަޔަރމަންޓް ޕްރޮޓެކްޝަން އެޖެންސީ، އީ ޕީ އޭއިން ބުނެފިއެވެ.


 
ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު ތަންފީޒުކުރަން ފެށި ކުނި މެނޭޖްކުރުމުގެ ގަވާއިދުގައި ބުނާ ގޮތުން ކުނި އެޅުމަށް ހާއްސަކުރެވިފައިވާ ސަރަހައްދު ނޫން އެހެން އެއްވެސް ސަރަހައްދަކަށް ކުނި އަޅައިފިނަމަ ކުނި އެޅިފަރާތެއް ޖޫރިމަނާ ކުރެވޭނެއެވެ. އެގޮތުން ކުނި ނައްތާލުމުގައި އިހުމާލުވާ ފަރާތްތައް އެއް މިލިއަން ރުފިޔާއާއަށް ވުރެ ބޮޑު ނޫން ޢަދަދެއް ޖޫރިމަނާ ކުރެވޭނޭ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.


 
އެންވަޔަރމަންޓް ޕްރޮޓެކްޝަން އެޖެންސީގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ، ކުނި މެނޭޖްކުރުމުގެ ގަވާއިދު ތަންފީޒު ކުރުން މަޑުޖެހިފައި ވަނީ ގަވާއިދުގެ ވަކި ވަކި މާއްދާތައް ތަންފީޒު ކުރުމުގައި ފުރިހަމަ ކުރަންޖެހޭ ބައެއް ކަންތައްތައް ފުރިހަމަ ނުވާތީ ކަމަށެވެ. އަދި  މާލޭގައި ކުނި ނައްތާލުމުގައި މިހާރު އަމަލުކުރަމުންދާ ގޮތްތަކަށް ބަދަލުތަކެއް ނުގެނެސް  ގަވާއިދު ފުރިހަމައަށް ތަންފީޒު ނުކުރެވޭނޭ ކަމަށް ނައީމް ވިދާޅުވިއެވެ.


 
ކުނި މެނޭޖްކުރުމުގެ ގަވާއިދު ތަންފީޒުކުރަން ފެށުމާއި އެކު މާލެ ސިޓީ ކައުންސިލުން ވަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ޑަސްބިންތައް ބަހައްޓައި އާއްމުތަންތަނަށް ކުނި އެޅުން ހުއްޓުވުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް މި ޑަސްބިންތަކުގެ ބޭނުން ގިނަ ފަރާތްތަކުން ހިފަމުންނުދާ ކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.


 
އެންވަޔަރމަންޓް ޕްރޮޓެކްޝަން އެޖެންސީން ބުނީ ޖޫރިމަނާ ކުރަން ފެށުމުން، ކުށްވެރިވާ ފަރާތަށް ދޭންޖެހޭ ސްލިޕް ހަވާލުކުރުމުގެ ކަންތައް ކުރާނީ ފުލުހުން ކަމަށެވެ. އަދި ކަމުގެ މިންވަރަށް ބަލައި ޖޫރިމަނާ ކުރުމުގެ ކަންތައްތައް ކުރާނީ އެ އެޖެންސީން ކަމަށެވެ.