ޚަބަރު

ބްރިޖަށްދާ މަގުގައި 450 ގަސް އިންދަނީ


މާލެއިން ބްރިޖަށް ދާ ބޮޑުތަކުރުފާނު މަގުގައި 450 ގަސް އިންދުމަށް ހަމަޖެހިފައިވާކަމަށް ހައުސިންގ މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ބޮޑެތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، މާލޭ އިންޑަސްޓްރިއަލް ވިލެޖުން ފެށިގެން ހުޅުމާލޭ ފެރީ ޓަރމިނަލާ ހަމައަށް 450 ގަސް އިންދާނެކަމަށެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ބޮޑުތަކުރުފާނު މާގާއި ބްރިޖް ގުޅޭ ބައިގައި ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ހައުސިންގ މިނިސްޓްރީން ވަނީ ފަށާފައެވެ. މި މަޝްރޫޢުގެ ދަށުން ބޮޑުތަކުރުފާނުމަގު މިހާރަށްވުރެ ފުޅާކޮށް، ޑިޒައިނަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ހަމަޖެހިފައިވާކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.

އެގޮތުން މަގު ފުޅާކުރުމަށްޓަކައި އާޓިފިޝަލް ބީޗްގެ ފާރު ތަޅާލައި މަގު ހެދުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީން މިހާރު ވަނީ ފަށާފައެވެ. އަދި ބޮޑުތަކުރުފާނުމަގުގައި ހުރި ގާޑިޔާތައް ނަގާ އެހެން ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތްްވެސް ވަނީ ފަށާފައެވެ.  ބްރިޖްގެ މަސައްކަތް މުޅިން ނިމެންވާއިރަށް ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަޝްރޫޢު ނިންމާނެކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.