ކުޅިވަރު

23 ކުޅުންތެރިންގެ ސްކޮޑްގައި އާ 10 ކުޅުންތެރިން، މިރޭ ފުރާނެ!


އާ ކޯޗުގެ ބެލުމުގެ ދަށުން ފުރަތަމަ ޕްރެކްޓިސްކޮށް، ހުކުރު ދުވަހު ސިންގަޕޫރާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗަށް ޤައުމީ ފުޓްބޯޅަ ޓީމު މިރޭ ފުރަން ހަމަޖައްސައިފިއެވެ.

އާ ކޯޗު ޕީޓަ ސެގްޓްގެ އިރުޝާދުގެ ދަށުން ރާއްޖެ ކުޅެންޖެހޭ ފުރަތަމަ މެޗަށް ސްކޮޑް އެކުލަވާލާ 35 ކުޅުންތެރިންނާއެކު މިއަދު ހެނދުނު ވަނީ ފުރަތަމަ ފަރިތަކުރުންތައް ކުރިޔަށްގެންގޮސްފައެވެ.

އަފްޣާނިސްތާނުގެ ކުރީގެ ކޯޗު ޤައުމީ ޓީމާއެކު ކުރާ ފުރަތަމަ ތަޖުރިބާގައި ބައިވެރިވުމަށް ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ވެސް ސިންގަޕޫރަށް ދާނެއެވެ. އޭނާއަކީ ކުރިއަށް އޮތް ބޫޓާން މެޗަށްފަހު ދެން ޤައުމީ ޓީމުން ނުފެނިދާނެ ކުޅުންތެރިއެކެވެ.

މި މެޗަށް ސިންގަޕޫރުން ޒުވާން ޓީމެއް އެކުލަވާފާއިވާއިރު މިއީ މި މަހުގެ 27 ގައި އޭޝިއަން ކަޕް ކޮލިފައިންގައި ކުޅެން ޖެހޭ މެޗަށް ތައްޔާރުވުމަށް ސިންގަޕޫރުން ކުޅޭ މެޗެކެވެ. މިމެޗަށް ސެގަޓު އެކުލަވާލި 23 ކުޅުންތެރިންގެ ސްކޮޑުން އަލަށް ދިހަ ކުޅުންތެރިއަކަށް ވަނީ ފުރުސަތު ދީފައެވެ. އެއީ ގްރީން ސްޓްރީޓްސްގެ ޔާމީން އާއި ޔޫވީގެ ކީޕަރު ތޮލާލު އާއި ނިއުގެ ހިޝާމް ސަލީމްއާއި، ރިހާމް އަބްދުލްޣަނީ އާއި މާޒިޔާގެ މުޖުތާޒް މުހަންމަދު އާއި ވިކްޓަރީގެ ހުސެއިން ނިހާން އާއި އީގަލްސް މުހަންމަދު ނާއިމް އާއި ހުސެއިން ސިފާއުގެ އިތުރުން އަހުމަދު ނޫމާންއާއި ޓީސީގެ އައްޒާމް އަބުދުﷲއެވެ.

 23 ކުޅުންތެރިންގެ ސްކޮޑުން ފުރުޞަތު ގެއްލުނު ކުޅުންތެރިންގެ ތެރޭގައި ޑިފެންޑަރ ޝާފިއު އަހުމަދާއި، އީގަލްސްގެ ރިޒްވާންއާއި، މާޒިޔާގެ އިސްމާއީލް އީސާއާއި، ނާއިޒު ހަސަންއާއި، ނިއުރޭޑިއަންޓްގެ އަހުމަދު އަބުދުﷲއާއި، މުޙައްމަދު ރަޝީދުއާއި، ރިލްވާން ވަހީދުއާއި، އިމްރާން ނަޝީދު ހިމެނެއެވެ. މީގެއިތުރުން މުޙަމަދު އާރިފް ( ބަކާ ) މިފަހަރުގެ ޓީމްގައިވެސް ނުހިމެނެއެވެ.

މި މެޗަށް ފަހު ސިންގަޕޫރުގެ ޤައުމީ ޓީމު ރާއްޖެ އަންނަ ގޮތަށް ވެސް ދެ ޤައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ މަޝްވަރާކޮށްފައެވެ.