ވިޔަފާރި

ޖީއެސްޓީގެ ގޮތުގައި 3 މިލިއަން ދައްކަން ހުކުމްކޮށްފި


ޖީއެސްޓީގެ ގޮތުގައި ދައްކަންޖެހޭ 3 މިލިއަނަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ބެސްޓް ޗޮއިސް މޯލްޑިވްސްގެ މައްޗަށް ސިވިލްކޯޓުން ހުކުމްކޮށްފިއެވެ.

ޖީއެސްޓީ ނުދައްކައިގެން މީރާއިން ބެސްޓް ޗޮއިސް މޯލްޑިވްސްއާއި ދެކޮޅަށް ދައުވާކުރި މައްސަލަ ނިންމާ ސިވިލްކޯޓުން ކުރި ހުކުމްގައިވަނީ ބެސްޓް ޗޮއިސްއިން ޖީއެސްޓީގެ ގޮތުގައި ދައުލަތަށް (3،311،401) ތިން މިލިއަން ތިންލައްކަ އެގާރަހާސް ހަތަރުސަތޭކަ އެއް ރުފިޔާ ދައްކަންޖެހޭކަަން ޝަރީއަތަށް  ސާބިތުވާކަމަށެވެ. އަދި މި ފައިސާ ހަތަރު މަސްދުވަހުގެ ތެރޭގައި ދައްކާ ހަލާސްކުރުމަށްވެސް  ސިވިލްކޯޓްގެ ހުކުމުގައިވެއެވެ. ސިވިލް ކޯޓުން މި ހުކުމްކޮށްފައިވަނީ މައްސަލައިގެ ޝަރީއަތަށް ބެސްޓް ޗޮއިސް މޯލްޑިވްސް ހާޒިރުނުވުމުން އެކުންފުނީގެ ޢައިރު ހާޒިރުގައެވެ.

މީރާއިން ދަނީ ދައުލަތައް ޓެކްސް ނުދައްކާ ކުންފުނިތަކުގެ މައްސަލަތައް ހަމަޖެހިފައިވާ އުސޫލުގެ މަތިން ކޯޓަށް ހުށައަޅަމުންނެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މީރާއިން ބުނީ، ވިޔަފާރީގެ ބާވަތާއި، ސައިޒާއި، ދައްކަންޖެހޭ ފައިސާގެ ބާވަތާއި، ވިޔަފާރިކުރާ ފަރާތުގެ އެހެނިހެން ހައިސިއްޔަތުތަކަށް ބިނާކޮށް މީރާއިން އެފަރާތަކާމެދު ފިޔަވަޅު އެޅުމުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭކަމަށެވެ.

ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމުގައާއި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި މީރާއިން އަމަލުކުރަނީ، ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދާއި އެންފޯސްމަންޓް ޕޮލިސީއާ އެއްގޮތަށްކަމަށްވެސް މީރާއިން ބުނެއެވެ.