ޚަބަރު

ގްލޯބަލް ކޮންފަރެންސް އޮން ކްލައިމެޓް ޗޭންޖަށް މިނިސްޓަރު ޠާރިޤު


ތިންވަނަ ގްލޯބަލް ކޮންފަރެންސް އޮން ކްލައިމެޓް ޗޭންޖު އެންޑް ހެލްތުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓު އެންޑް އެނާޖީ ޠާރިޤް އިބްރާހީމް މޮރިޝަސްގެ ޕޯޓް ލުއީއަށް ފުރާވަޑައިގެންފިއެވެ. 

ގްލޯބަލް ކޮންފަރެންސް އޮން ކްލައިމެޓް ޗޭންޖު އެންޑް ހެލްތަކީ މިމަހުގެ 21އިން 22އަށް މޮރިޝަސްގެ ޕޯޓް ލުއީގައި އޮންނަ ކޮންފަރެންސެކެވެ. 

މިކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ ވަފުދުގައި އެންވަޔަރަންމަންޓު މިނިސްޓަރުގެ އިތުރުން މިނިސްޓްރީ އޮފް ހެލްތާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަންނަވައެވެ. 

ދުނިޔޭގެ ސިއްޙަތާބެހޭ ޖަމްޢިއްޔާ، ޑަބްލިއު.އެޗް.އޯގެ ފަރާތުން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދާ މިކޮންފަރެންސުގައި 40 ޤައުމެއްގެ ޞިއްޙަތާއި ތިމާވައްޓާއި ތަޢުލީމީ ދާއިރާއިން ސަރުކާރާއި އަމިއްލަ ޖަމްޢިއްޔާތަކުން އޮފިޝަލުން ބައިވެރިވެއެވެ. އަދި އދ.ގެ ކަމާބެހޭ އޮފިޝަލުންނާއި ތަޖުރިބާކާރުންވެސް ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ. މިއީ މޫސުމަށް އަންނަ ނޭދެވޭ ބަދަލްތަކުގެ ސަބަބުން ދިމާވާ ޞިއްޙީ މައްސަލަތައްކަށް ހައްލުހޯދުމަށްޓަކާ ޤައުމުތަކުގެ ފެންވަރުގައި މަޝްވަރާކުރުމަށް ކުރިޔަށް ގެންދާ ބައްދަލުވުމެކެވެ. 

މިގޮތުން ތިމާވެށި ޙިމާޔަތްކުރުމުގެ ޤައުމީ ސިޔާސަތުތައް އެކުލަވާލާއިރު ޞިއްޙީ ދާއިރާއަށް ރިޢާޔަތްކުރެވޭނެ ގޮތްތަކާބެހޭގޮތުން މިބައްދަލްވުމުގައި މަޝްވަރާކުރާނެއެވެ. މިކޮންފަރެންސުގެ ތެރެއިން ކުދި ޖަޒީރާ ޤައުމުތަކަށް ޚާއްސަކޮށް ސަރަޙައްދީ ފެންވަރުގައި "ކޮޕް23" ސަމިޓުގައި އެކުލަވާލި ތިމާވެއްޓާ ޞިއްޙަތާ ބެހޭ ޕްލޭންތައް ރަސްމީކޮށް އިފްތިތާޙްކުރުންވެސް އޮންނާނެއެވެ.