ކުޅިވަރު

ރަޝިޔާގެ ވިސާއެއްގޮތުގައި ވޯލްޑް ކަޕް ޓިކެޓް ފުދޭ!


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް މި ފަހަރު ބާއްވާ ޤައުމަކީ ރަޝިޔާއެވެ. އެއީ ދުނިޔޭގެ ގައުމުތަކުގެ ތެރެއިން ދަތުރު ފަތުރު ކުރުމަށް އެހާ ފަސޭހަ ގައުމެއްނޫނެވެ. ކޮމިއުނިސްޓް ގައުމަކަށްވުމާއެކު ރަޝިޔާގެ ހަރުކަށި އުސޫލުތަކުގެ ސަބަބުން އެ ޤައުމަށް އެތެރެވުމަކީ ވަރަށް ގިނަ ތަކުލީފުތައް އުފުލަން ޖެހޭ ކަމެކެވެ.

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ބަލަން ދުނިޔޭގެ އެކިކަންކޮޅުތަކުން އެތައް ބަޔަކު ރަޝިޔާއަށް ޖަމާވާން ތައްޔާރުވަމުންދާއިރު މިކަމަށް ހައްލު ހޯދަން ރަޝިޔާ އާއި ފީފާއިން ވަނީ ވިސްނާފައެވެ. އެތައްގިނަ މަޝްވަރާތަކަށް ފަހު ނިންމާފައިވަނީ ވޯލްޑް ކަޕުގެ ދުވަސްވަރު ރަޝިޔާއަށް ދާން ކޮންމެހެން ވިސާ ޖަހަން ނުޖެހޭ ގޮތަކަށެވެ. ވޯލްޑް ކަޕް ދުވަސްވަރު އެ މުބާރާތް ބަލަން ރަޝިޔާއަށް ދާ ކޮންމެ މީހަކަށް ރަޝިޔާގެ ވިސާއެއްގޮތުގައި ވޯލްޑް ކަޕް ޓިކެޓަކުން ފުއްދާލެވޭނެއެވެ. ޓިކެޓެއް އޮތިއްޔާ އެމީހަކަށް ރަޝިޔާއަށް އެތެރެވެވޭ ގޮތަށް މިހާރު ވަނީ ނިންމާފައެވެ. ނަމަވެސް އެއީ ކާކުކަން އަންގައިދޭ ލިޔެކިއުންތައް ފުރިހަމަވެފައި ހުރެެއްޖެނަމައެވެ.

ދަތުރު ފަތުރުކުރާ ސަޕޯޓަރުންނަށް ލުއިފަސޭހަކަން ދިނުމަށް ރަޝިޔާގެ މުބާރާތް އޮގަނައިޒިން ކޮމިޓީން ނިންމާފައިވާއިރު ވޯލްޑް ކަޕަށް ރަޝިޔާގައި ވަނީ މެޗުތައް ބެލުމަށް 11 މައިޒާނެއް ތަރައްގީ ކުރަންވެސް ނިންމާފައެވެ. މިތަންތަނަކީ މެޗުތައް ބަލައި ފުޓްބޯޅަ ފޯރި ގެނުވުމަށް ފީފާ އާއި އެޑިޑާސްގެ ބެލުމުގެ ދަށުން ހަދާ ފޭން ފެސްޓްތަކެކެވެ. މިއިން ކޮންމެ ފޭން ފެސްޓަކަށް ވޯލްޑް ކަޕުގެ ކުރީގެ ތަރިއަކު ޒިޔާރަތްކޮށް މެޗުތަކަށް އިންސާފު ކުރުމަކީ ވެސް ފީފާއިން އިންތިޒާމްކުރަމުން އަންނަ ހަރަކާތެކެވެ. މި ހަރަކާތުގެ ދަށުން އިނގިރޭސި ޤައުމީ ޓީމު ކުޅޭ މެޗެއް ނަމަ އެ މެޗަކަށް އިންސާފުކޮށްދޭނީ ފީފާއިން ކަނޑައަޅާ އެމްބެސެޑަރަކާއި މެޗު ކުޅޭ ޤައުމަށް ނިސްބަތްވާ ކުރީގެ ކުޅުންތެރިއެކެވެ.

 ފީފާ ފޭން ފެސްޓްގެ މައި އެމްބެސެޑަރަކަށް މިފަހަރު ހަމަޖައްސާފައިވަނީ 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ފްރާންސަށް ކާމިޔާބުކޮށްދިން ޑިފެންޑަރު މާސެލް ދެސާއީއެވެ.