ޚަބަރު

ދެކުނު އޭޝިޔާ ސަރަހައްދުގެ ތިމާވެއްޓާ ބެހޭ 4ވަނަ ފޯރަމް އިފްތިތާހް ކޮށްފި





ދެކުނު އޭޝިޔާ ސަރަހައްދުގެ ތިމާވެއްޓާ ބެހޭ ހަތަރުވަނަ ފޯރަމް އިފްތިތާހް ކޮށްފިއެވެ.  މިއަދު ހެނދުނު މި ފޯރަމް ފެށީ ކުރުނބާ މޯލްޑިވްސް ރިސޯޓްގައެވެ.


 
ނުވަ ގައުމަކުން އަށްޑިހަ ފަސް މަންދޫބުން ބައިވެރިވާ މިފޯރަމަކީ އެމް އެން ޑީއެފްއާއި ޔޫއެސް ޕެސިފިކް ކޮމާންޑް ގުޅިގެން ކުރިއަށް ގެންދާ ފޯރަމެކެވެ. މިފަހަރުގެ ފޯރަމްގައި މައިގަނޑު ހަތަރު ދާއިރާއަކަށް މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ، ފެނުގެ ރައްކާތެރިކަމާއި، އާންމު ދިރިއުޅުމުގައި އުފެދޭ ކުނި ނައްތާލުމާއި، ވަސީލަތްތައް ހިމާޔަތްކުރުމާއި، ހަކަތައުފެއްދުމެވެ. މި ދާއިރާތަކުން ފޯރަމްގައި ބައިވެރިން ދައްކާ ވާހަކަތަކާ ގުޅޭ ގޮތުން ކަރުދާސްތަކެއް އެކުލަވާލާނެ ކަމަށް އެމެރިކާސިފައިންގެ ޕެސިފިކް އޯޝަން ކޮމާންޑްގެ ކޮމާންޑަރ މޭޖަރ ޖެނެރަލް ރިކް ސްޓީވެންސް ވިދާޅުވިއެވެ.


 
މިފޯރަމް އިފްތިތާހް ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ ދިފާއީ ވަޒީރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ އިގްތިސާދުގައި ޓޫރިޒަމް ދާއިރާ ބޮޑު ދައުރެއް އަދާ ކުރާއިރު، ދެމެހެއްޓެނިވި ތިމާވެށީގެ ސިޔާސަތުތަކެއް އެކުލަވާލެވިގެން ނޫނީ، ޓޫރިޒަމް ދާއިރާ ހިމާޔަތް ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ. އަދި ދުނިޔޭގެ ތިމާވެއްޓަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލު ކުރުމުގައި ހުރިހާ ގައުމަކުންވެސް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.


  
މި ފޯރަމްގައި ދިވެހިރާއްޖެއާއި އެމެރިކާގެ އިތުރުން،  އޮސްޓްރޭލިއާ، ނޭޕާލް، ތައިލެންޑް، ސްރީލަންކާ، އިންޑިއާ، ބަންގުލަދޭޝްއިން ބައިވެރިވެއެވެ. މި ފޯރަމް ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.