ސިޔާސީ

އާ ޤަވާއިދު އެކުލަވާލެވެންދެން ކުރީގެ ޤަވާއިދަށް އަމަލުކުރަން ފާސްކޮށްފި


 
އަށާރަވަނަ ރައްޔިތުން މަޖިލީހުގެ ޤަވާއިދު އެކުލަވާލާ ފާސްކުރެވެންދެން ކުރިން އޮތް ޤަވާއިދަށް އަމަލުކުރުމަށް ރައްޔިތުން މަޖިލީހުން ފާސްކޮށްފިއެވެ.


 
އަމަލުކުރެވެމުންދިޔަ ގަވާއިދު ދަމަހައްޓަން މަޖިލީހުން ފާސްކުރީ އާ މަޖިލީހުގެ މެމްބަރުން ހުވާކުރެއްވުމަށްފަހު ބޭއްވި ފުރަތަމަ ޖަލްސާގައެވެ.


 
މިޖަލްސާގައިވަނީ  މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމަށް ފަސް މެމްބަރުންގެ ވަގުތީ ކޮމިޓީއެއްވެސް މިއަދު އެކުލަވާލާފައެވެ.



މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ މަޖިލީހުގެ ގަވާއިދު އެކުލަވާލުމާއި، ކޮމިޓީ އެކުލަވާލުމުގެ މަސައްކަތެވެ. އެގޮތުން އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވައިދު އެކުލަވާލާ ފާސްކުރެވެންދެން ސަތާރަވަނަ ރައްޔިތުންގެ މަޖިލީހުގައި އަމަލުކުރަމުންދިޔަ ގަވައިދަށް އަމަލުކުރުމަށް ރިޔާސަތުން ހުށަހެޅި ހުށަހެޅުން ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހަތްދިހަ ދެ މެންބަރުންގެ އިއްތިފާގުންނެވެ.


 
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުޙައްމަދު ހުށަހެޅުއްވި ހުށަހެޅުމުގައި ވިދާޅުވެފައިވަނީ އާ މަޖިލީހުގެ ގަވައިދު އެކުލަވާލާ ނިމެންދެން ނިމިދިޔަ މަޖިލީހުގެ ގަވައިދަށް އަމަލުކުރުމަށާއި، މަޖިލީހުގެ މިދައުރުގެ މަސައްކަތްތައް ނިންމާލުމުގެ ކުރިން އާގަވައިދު އެކުލަވާލާއި ނިންމުމަށެވެ.


 
ޤާނޫނު އަސާސީގައި މަޖިލިސް ހިންގުމުގެ ގަވާއިދުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލިސް ފުރިހަމައަށް ތަމްސީލްވާނެ، އަދި އެބައިމީހުންގެ ފުރިހަމަ ބައިވެރިވުން ލިބޭނެ ދިމިޤްރާތީ އުސޫލުތައް އެކުލެވޭނެ، ޖަވާބުދާރީވާ، ހާމަކަން ބޮޑުގޮތަކަށް ރައްޔިތުންގެ މަޖިލިސް ހިންގުމަށް ބޭނުންވާނެ ގަވާއިދުތަކާއި އުސޫލުތައް އެމަޖިލީހުން ކަނޑައަޅަންވާނެކަމަށެވެ. މީގެ އިތުރުން މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމަށް ފަސް މެމްބަރުންގެ ވަގުތީ ކޮމިޓީއެއްވެސް މިއަދު ވަނީ އެކުލަވާލާފައެވެ.


 
ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ހުށަހެޅުއްވި އެ ފަސް މެމްބަރުންގެ ނަން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހަތްދިހަ ދެ މެމްބަރުންގެ އިއްތިފާގުންނެވެ.


 
 


މަޖިލީހުގެ ގަވާއިދުގައި ބުނެފައި ވަނީ މަޖިލިސް އަލަށް އެކުލަވާލުމަށްފަހު ހިނގާ ފުރަތަމަ ދެ ހަފްތާ ތެރޭގައި ދާއިމީ ކޮމެޓީތަކަށް މެމްބަރުން އިންތިހާބު ކުރާންވާނެކަމަށެވެ. މަޖިލީހުގެ ރިޔާސަތުން ވިދާޅުވީ މަޖިލީހުގެ ދާއިމީ ކޮމިޓީތައް ދެ ހަފުތާގެ ތެރޭގައި އެކުލަވާލައި ނިންމަންޖެހޭ ކަމަށެވެ. މަޖިލީހުގެ ކޮމެޓީތައް އެކުލަވާލަނީ މަޖިލީހުގައި ޕާޓީތައް ތަމްސީލު ކުރައްވާ މެމްބަރުންގެ ނިސްބަތަށް ބަލައިގެންނެވެ. ރައްޔިތުން މަޖިލީހުގައި ދާއިމީ ތޭރަ ކޮމިޓީ އޮވެއެވެ.