ސިޔާސީ

މަސައްކަތް ހަލުވިކަމާއެކު ކުރުމުގެ ގާބިލުކަން އާ މަޖިލީހުގައި އެބަހުރި





 


ޤާނޫނު އަސާސީން ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވާ މަސައްކަތްތައް، ހަލުވިކަމާއެކު ގެންދިއުމުގެ ގާބިލުކަން އަލަށް އިންތިޚާބުވެފައިވާ މަޖިލީހުގައި އެބަހުރި ކަމަށް މަޖިލީހުގެ އާ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވެއްޖެއެވެ.


 
މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތާއި ފުރަތަމަ ފަހަރަށް ހަވާލުވެވަޑައިގެން މިއަދުގެ ޖަލްސާ ފަށްޓަވަމުން ދެއްކެވި ވާހަކަފުޅުގައެވެ.


 
މަސީހު ވިދާޅުވީ، އެމަނިކުފާނަކީ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންގެވެސް އަޚެއް ކަމަށާއި، މަޖިލީހުގެ މަސައްކަތްތައް ހަލުވިކޮށް ކުރިއަށް ގެންދިއުމަށް ހުރިހާ މެންބަރުންގެ އެހީތެރިކަމާއި އެއްބާރުލެއްވުން ބޭނުންފުޅުވާ ކަމަށެވެ.



މަޖިލީހުގެ ރައީސް ވިދާޅުވީ ރިޔާސަތުގައި އިންނަވައިގެން އެމަނިކުފާނު ކުރައްވާ ކޮންމެ ކަމަކީ އަދި އަޅުއްވާ ކޮންމެ ފިޔަވަޅަކީ އެކަން ކުރައްވާ ހިތުން ކުރައްވާ ކަންކަމަށްނުވެދާނެ ކަމަށެވެ. ނަމަވެސް މަޖިލީހުގެ ގަވާއިދާއި ހަމަޖެހިފައިވާ އުސޫލުން ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ރިޔާސަތުގައި އިންނަވައިގެން ކުރައްވަންޖެހިވަޑައިގަންނަވާ ކަންތައްތަކެއް ހުންނާނެ ކަން ހުރިހާ މެންބަރުންވެސް ގަބޫލުފުޅު ކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.


 
 


މީގެއިތުރުން މަޖިލީހުގެ މަސައްކަތްތައް މަޝްވަރާގެ އުސޫލުން ކުރުމަށް އިސްކަންދެއްވައިގެން ރައްޔިތުންނަށް ފައިދާ ހުރި މަސައްކަތްތަކެއް ކޮށްދެއްވުމަށް ވެސް މަޖިލީހުގެ ރައީސް ވަނީ މެންބަރުންނަށް އިލްތިމާސްކުރައްވާފައެވެ.