މަގުބޫލު އުޒުރެއްނެތި ގަސްދުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޖަލްސާތަކަށް ހާޒިރުނުވުމަކީ ޤާނޫނީ ޑެޑްލޮކަކަށް ހިގައިދާނެ ކަމަކަށްވާތީ އެކަމަށް ހައްލެއް ހޯދަންޖެހޭކަމަށް ދައުލަތުގެ ފަރާތުން ސުޕްރީމްކޯޓުގައި ބުނެފިއެވެ.
ދައުލަތުގެ ބަންޑާރަ ނައިބްގެ ފަރާތުން ސުޕްރީމްކޯޓްގައި އެގޮތަށް ބުނެފައިވަނީ ފަނޑިޔާރުންގެ ޤާނޫނަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި އިދިކޮޅު ފަރާތްތަކުން ހުށައެޅި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައެވެ.
ޝަރީއަތުގެ މަޖިލީހުގައި ވާހަކަދައްކަމުން ބަންޑާރ ނައިބު އޮފީހުގެ ވަކީލު ވިދާޅުވީ މަޖިލީހުގެ މެންބަރުން މަގުބޫލު އުޒުރެއްނެތި މަޖިލީހަށް ހާޒިރުނުވުމަކީ ޤާނޫނީ ގޮތުން ޑެޑްލޮކަކަށް ހިގައިދާނެކަމެއްކަމަށެވެ. މި ގޮތަށް އަމަލުކުރާ މެންބަރުންނާއި މެދު އަމަލުކުރާނެ އެއްވެސް އުސޫލެއް މަޖިލީހުގެ ޤަވައިދުގައި ބަޔާންކޮށްފައިނުވާކަމަށެވެ. އަދި އެކަމަށް ޤާނޫނީ ހައްލެއް ހޯދަންޖެހޭކަމަށްވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ މެދުތެރެއިން ފެށިގެން މަޖިލީހުގެ މަސައްކަތް ވަރަށް ބޮޑަށް ހުއްޓުމަކަށް އައިސްފައިވާކަން ފާހަގަކުރަމުން ދައުލަތުގެ ވަކީލު ވިދާޅުވީ މެންބަރަކު ބިލާއި މެދު ހިތްހަމަނުޖޭނަމަ ބިލާއި ދެކޮޅަށް ވޯޓް ދިނުމުގެ ހައްޤު ކޮންމެ މެންބަރަކަށްވެސް ލިބިގެންވާކަމަށެވެ. އެހެންނަމަވެސް އޭގެ ބަދަލުގައި ފެންނަނީ އެއްވެސް ސަބަބެއްނެތި މެންބަރުން މަޖިލީހަށް ހާޒިރުނުވާތަންކަމަށްވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. ބައެއް ޤައުމުތަކުގައި މަގުބޫލް ސަބަބެއް ނެތި މަޖިލީހަށް ހާޒިރުުނުވާ މެންބަރުން ސަސްޕެންޑްކުރުމުގެ ބާރު މަޖިލީހުގެ ރައީސުންނަށް ދީފައިވާކަން ފާހަގަކުރަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ރާއްޖޭގައި އެއްވެސް މެންބަރަކާއި މެދު ފިޔަވަޅު އެޅެނީ ހަމައެކަނި ކޮމެޓީތަކަށް ހާޒިރުުނުވާ ހާލަތްތަކުގައި އެކަނިކަމަށެވެ.
ދައުލަތުގެ ވާހަކަތަކަށް ރައްދުދެމުން މައްސަލަ ހުށައެޅީ ފަރާތްތަކުގެ ވަކީލު ވިދާޅުވީ މަޖިލީހުގެ ޖަލްސާގައި ބައިވެރިނުވުމަކީ މަޖިލީހުގެ ޤަވައިދުން ކޮންމެ މެމްބަރަކަށްވެސް ލިބިފައިވާ ހައްޤެކަމަށެވެ. އަދި ފަނޑިޔާރުންގެ ޤާނޫނަށް ގެނައި އިސްލާހަށް ވޯޓް ނެގި ދުވަހު މަޖިލީހަށް ބައެއް މެމްބަރުން ހާޒިރުވެޑައިނުގަތީ އެ އިސްލާހާއި ދެކޮޅަށް އިހުތިޖާޖުކުރުމުގެ ގޮތުންކަމަށެވެ.
ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި އިދިކޮޅު ފަރާތަކުން ހުށައެޅި މައްސަލާގައި ބުނެފައިވަނީ އެ އިސްލާހަށް ވޯޓަށް އެހިއިރު 43 މެންމަބަރު ހާޒިރުވެ ތިބެންޖެހޭނެކަމަށެވެ. އެހެންނަވެސް ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހު ގެނެސްފައިވަނީ އެ ޢަދަދަށް މަޖިލީހުގައި މެމްބަރުން ނެތިކަމުން އެއީ ޤާނޫނު އަސާސީއާއި ޚިލާފު ނިންމުމެއްކަމަށެވެ.
މި މައްސަލާގައި ދައުލަތުގެ ވަކީލު ވިދާޅުވީ ފަނޑިޔާރުންގެ ޤާނޫނަށް ގެނައި އިސްލާހަކީ ރައްޔިތުން އެއަށް އަމަލުކުރުން ލާޒިމުވާ އިސްލާހަކަށް ނުވާތީ އެ އިސްލާހަށް ވޯޓަށް އެހިއިރު 43 މެންބަރުން ތިބެން ނުޖެހޭކަމަށެވެ
އިދިކޮޅު ފަރާތަކުން ހުށައެޅި މައްސަލަ ސުޕްރީމްކޯޓުން ބަލައިގަތުމާމެދު ގޮތެއް ނިންމުމުގެ ކުރިން އިޖްރާއީ ދެ އަޑުއެހުމެއް ބޭއްވުމަށްފަހު މިއަދުވަނީ އަޑުއެހުންތައް އެއްކޮށް ނިންމާލާފައެވެ. މައްސަލަ ބައްލާ ބެންޗުން ވިދާޅުވީ ދެން އޮންނާނީ މައްސަލައިގެ ހުކުމް ކުރުންކަމަށާއި ހުކުމްކުރާ މަޖިލިސް ބާއްވާނެ ތާރީހެއް ފަހުން އިއުލާންކުރައްވާނެކަމަށެވެ.