ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، ރަޝިޔާގެ ރައީސަށް މަރުޙަބާ ވިދާޅުވެއްޖެ


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ރަޝިޔާގެ ރައީސް ލަޑިމިއަރ ޕުޓިން، އެ ޤައުމުގެ ރައީސްކަމުގެ އިތުރު ދައުރަކަށް ހޮވިވަޑައިގަތުމާ ގުޅިގެން، އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ރަޝިޔާގެ ރައީސް ލަޑިމިއަރ ޕުޓިން ރައީސްކަމުގެ އިތުރު ދައުރަކަށް އިންތިޚާބުވެ ވަޑައިގަތުމުން، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ރައީސް ލަޑިމިއަރ ޕުޓިނަށް މަރުޙަބާ ވިދާޅުވެ ހެޔޮއެދުންތައް އަރިސްކުރައްވާފައިވެއެވެ. އަދި، ރަޝިޔާގެ ރައީސަށް މިލިބިވަޑައިގަތް ކާމިޔާބީއަކީ އެމަނިކުފާނުގެ ހިންގެވުމަށް ރަޝިޔާގެ ރައްޔިތުންގެ ފަރާތުން ލިބިފައިވާ އިތުބާރާއި ޔަޤީންކަން ކަމުގައިވެސް ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ރަޝިޔާގެ ރައީސް ލަޑިމިއަރ ޕުޓިން ގެ ޒަޢާމަތުގައި، ސިޔާސީ، އިޤްތިޞާދީ އަދި އިޖުތިމާޢީ ގޮތުން އެޤައުމު ކުރިއަރައިދިއުމަށް ހުރި ފުރުޞަތުތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފައި، ބައިނަލްއަޤްވާމީ މައިދާނުގައި މިހާރަށްވުރެ ފުރިހަމައަށް ފައިތިލަ ސާބިތު ކުރާނެ ކަމުގައި ޔަޤީން ކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، ރަޝިޔާގެ ރައީސް ލަޑިމިއަރ ޕުޓިންގެ ރައީސްކަމުގެ އާދައުރުގައި، ރާއްޖެއާއި ރަޝިޔާއާ ދެޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށާއި، ދެ ޤައުމާއި ރައްޔިތުންގެ ފައިދާއަށްޓަކައި ރަޝިޔާގެ ސަރުކާރާއެކު މަސައްކަތްކުރެއްވުމަށް ދިވެހި ސަރުކާރުން ތައްޔާރަށް އޮތް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.