ކުޅިވަރު

ފިޓްކޮށް ހުންނަނީ ރަނގަޅު ކާނާ ކައިގެން: މެސީ


ކުރިއާ ހިލާފަށް މިހާރު ބަލިނުވެ ރަނގަޅު ސިއްހަތެއްގައި ހުންނަ ސަބަބަކީ ރަނގަޅު ކާނާ ކައިގެން ހުރުން ކަމަށް ބާސެލޯނާގެ އާޖެންޓީނާ ފޯވަޑް ލަޔޮނަލް މެސީ ބުނެފިއެވެ.

2014 ވަނަ އަހަރު ދަނޑުމަތީގައި ހޮޑުލައި، ވަރަށް ބޮޑަށް ބަލިވި މެސީ އަށް މިހާރު އެފަދަ ކަމެއް ދިމާނުވެއެވެ. މިކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން މެސީ ބުނީ އެ ދުވަސްވަރު އޭނާގެ ކެއިންބުއިން ހުރީ ހައްދުފަހަނައަޅާފައި ކަމަށެވެ.

"އެއިރު އަހަރެން ވަރަށް ގިނައިން ފިޒީ ޑްރިންކްސްބޮން. ފިއްޒާކަން. ޗޮކްލޭޓް ވަރަށް ގިނައިން ކަން. ގޯސް ކެއުންތަކަށް އާދަވެފައި ހުރީ. އެއީ އެއިރު އެހާބޮޑަށް ބަލިވި ސަބަބަކީ،" މެސީ ބުންޏެވެ.

ފަސް ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ މެސީ ބުނީ މިހާރު އޭނާ ކައިބޮއިހަދަނީ ވަރަށް ބަލައިގެންކަމަށެވެ.

"މިހާރު އަހަރެން ކަނީ ވަކި ގޮތަކަށް ވަކި ތަރުތީބަކުން. ސެލަޑް، މަސް، ކިރު. ހަށިގަނޑަށް ވަރަށް ބަލައިގެން އަހަރެން ކަނީ. ފިޓްކޮށް ހުރުމުގެ ސަބަބަކީ އެއީ،" މެސީ ބުންޏެވެ.

އުމުރުން މިހާރު 30 އަހަރުގެ ކުޅުންތެރިޔާ ބުނީ ތިން ވަނަ ދަރިފުޅު ސިރޯ ލިބުމުން އޭނާ އުފަލުން ރޮއި ހެދި ކަމަށާއި، އެއީ ދެ ވަނަ ދަރިފުޅު މަޓެއޯ ލިބުމުން ވެސް އުފަލުން ރޮވުނީތީ ކަމަށެވެ. އަދި އާއިލާއަށް އިސްކަންދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، އަބަދުވެސް އާއިލާއަށް ވަގުތު ހުސްކޮށް، އެކުގައި އުޅެވޭތޯ ބަލާ ކަމަށެވެ. ފުޓްބޯޅަ އަކީ ހުރިހާ ކަމެއްނޫން ކަމަށާއި ހަމައެކަނި އެކަމަށް ވިސްނުމުގެ ބަދަލުގައި އަނބިދަރިންނާއެކު ވަގުތު ހޭދަކުރުމަށް އަބަދުވެސް ވިސްނާ ކަމަށެވެ.