ކުޅިވަރު

ބްރޭކްގެ ކުރިން ވިކްޓްރީ ބަލިކޮށް، މާޒިޔާ ހަމަޖެހިލައިފި


ލީގު ބްރޭކް ކުރުމުގެ ކުރިން ވިކްޓްރީ ބަލިކޮށް، މާޒިޔާ ހަމަޖެހިލައިފިއެވެ. 

އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު ވިކްޓްރީގެ މައްޗަށް މާޒިޔާ ކުރި ހޯދީ ތިން ލަނޑު ސުން ލަނޑުންނެވެ. މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ދެޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތު ތަކެއް ލިބިފައެވެ. މެޗުގައި މާޒިޔާއިން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މެޗުގެ ތިރީސް ހަތްވަނަ މިނިޓުގައެވެ. މި ލަނޑަކީ މާޒިޔާގެ ފޯވާޑް ކޯނޭ އަރިމަތިން ޕެނަލްޓީ އޭރިޔާ ތެރެއަށް ނަގައިދިން ބޯޅަ ވިކްޓްރީގެ އަލީ ޝާމިސްގެ ފައިގައި ޖެހިފައި ބައިކޮޅަށް ވަތް ލަނޑެކެވެ. މާޒިޔާގެ ފުރަތަމަ ލަނޑު ކާމިޔާބުކުރިތާ ފަސް މިނެޓު ފަހުން މާޒިޔާގެ ދެވަނަ ލަނޑު ޖެހީ ކޯނޭއެވެ. ގޯލް އޭރިޔާ ބޭރުން ޔަސްފާދް ހަބީބް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކޯނޭ ފައިގައި ޖެހިފައެވެ. މާޒިޔާއިން ކާމިޔާބުކުރި ތިން ވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރުވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް ހޯދި ކެޕްޓަން މުހައްމަދު އިރުފާންއެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗު އިސްމާއިލް މަހުފޫޒް، އިންމަ ބުނީ ޖުމްލަކޮށް ބަލާނަމަ މުޅި މެޗުވެސް ދިޔައީ ވަރަށް ފަސޭހަކޮށް ކަމަށާއި، ބްރޭކަށް ދިއުމުގެ ކުރިން މި ލިބުނީ ވަރަށް މުހިއްމު މޮޅެއް ކަމަށެވެ.

"މެޗު ދިޔައީ ވަރަށް ފަސޭހަކޮށް، ހާއްސަކޮށް ފުރަތަމަ ހާފު ދެ ލަނޑުގެ ލީޑަކާއެކު ނިންމާލެވުމުން ވަރަށް ބޮޑު ޔަޤީން ކަމެއް ލިބުނު ތިން ޕޮއިންޓް ލިބޭނެކަމާ ދޭތެރޭ. ބްރޭކަށް ދިޔުމުގެ ކުރިން މިފަދަ މޮޅެއް ލިބުމަކީ ލީގުގައި ކުރިޔަށް ދިޔުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކޭ ބުނެވޭނީ". އިންމަ ބުންޏެވެ.

ވިކްޓްރީގެ ކޯޗް ލާސްލޯ ކިސް ބުނީ މިއަދުގެ މެޗުގައިވެސް ރެފްރީގެ ފަރާތުން ގޯސް ނިންމުންތަކެއް ފެނިގެންދިޔަކަމަށެވެ. ކިސް އެންމެ ބޮޑަށް ރެފްރީއަށް ފާޑުކީ މާޒިއާއިން ކާމިޔާބުކުރި ދެވަނަ ލަނޑު އޮފް ސައިޑް ކަމަށްބުނެއެވެ. އެ މަންޒަރު ވަރަށް ރަނގަޅަށް ލައިސްމަނަށް ފެންނާނެ ކަމަށްވެސް ކޯޗް ލާސްލޯ ކިސް ބުންޏެވެ.

"މެޗުގައި ރެފްރީގެ ފަރާތުން ފެނިގެންދިޔައީ އެންމެ ރަނގަޅު ނިންމުންތަކެއް ނޫން. ހާއްސަކޮށް މާޒިޔާގެ ދެވަނަ ލަނޑު. ލައިސްމަނަށް އެނގޭނެ އެއީ އޮފްސައިޑް ގޯލެއްކަން." ކިސް ބުންޏެވެ.

މިއަދުގެ މެޗުން މޮޅުވެ މާޒިޔާ ވަނީ ވަގުތީ ގޮތުން ތާވަލްގެ ތިން ވަނައަށް ޖެހިލާފައެވެ. އެއީ މިހާތަނަށް ކުޅުނު ހަތަރު މެޗުން ލިބުނު ހަތް ޕޮއިންޓާއެކުއެވެ. ވިކްޓްރީ އޮތީ ތިން ޕޮއިންޓާއެކު ތާވަލްގެ ފަސް ވަނާގައެވެ.