ޚަބަރު

ދައުވާއަށް ޖަވާބުދާރީވުމަށް ޢަބްދުﷲ ސައީދަށް 5 ދުވަސް ދީފި


އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއަށް ޖަވާބުދާރީވުމަށް ފަސްދުވަހުގެ މުއްދަތެއް ކުރިމިނަލްކޯޓުން ދީފިއެވެ. ދައުލަތުން ޢަބްދުﷲ ސައީދުގެ މައްޗަށް އުފުލާފައިވަނީ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅިކަމުގެ ކުށުގެ ދައުވާއެވެ. 

ދައުލަތުގެ ދައުވާގައި ބުނެފައިވަނީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހަތަރުވަނަ ދުވަހުގެ ނިޔަލަށް އެކި އިދާރާތަކުން ސުޕްރީމްކޯޓަށް ފޮނުވި ލިޔެކިޔުންތައް އެ ކޯޓަށް ނުލިބޭނެ ގޮތް ހެދުމަށް ސަރުކާރުގެ ލިޔެކިޔުންތައް ފޮނުވާ އިީ ލެޓަރ މެނޭޖްމަންޓް ސިސްޓަމް ޖެމްސްގެ ޚިދުމަތް ސްޕްރީމް ކޯޓުން ކަނޑާލާފައިވާކަމަށެވެ. އަދި ސުޕްރީމު ކޯޓުން ފޮނުވަން ބޭނުންވާ ލިޔެކިޔުންތަކެއް ފޮނުވުމަށްފަހު އެ މަސައްކަތް ނިމޭއިރަށް ޖެމްސްގެ ޚިދުމަތް ކަނޑާލަން ސުޕްރީމްކޯޓްގެ މުވައްޒަފުންނަށް ޢަބްދުﷲ ސައީދު އަންގާފައިވާކަމަށްވެސް ދައުލަތުގެ ދައުވާގައިވެއެވެ. 

މި މައްސަލައިގެ އަޑުއެހުންތައް ފެށުމުން މައްސަލަ ކުރިޔަށް ގެންދަނީ ކޮން އިޖުރާތުތަތަކުންތޯ އައްސަވާ ދިފާއީ ވަކީލުން ވަނީ މައްސަލަ ބައްލަވާ ގާޒީއާއި ސުވާލުކުރައްވާފައެވެ. އަދި ލިޔެފައިވާ އެއްވެސް ޤާނުނެއް ނުވަތަ ޤަވާއިދެއް ނެތި ޝަރީއަތް ހިންގުމަކީ ޤާނޫނު އަސާސީގެ އާއި ޚިލާފުކަމެއްކަމަށް ބުނެ އެ މައްސަލަ ބާތިލުކުރުމަށް ނުވަތަ ކުއްލި ނުރައްކަލުގެ ހާލަތު ނިންމެދެން ފަސްކުރުމަށް ވަނީ އެދިވަޑައިގެންފައެވެ. 

ދިފާއީ ވަކީލުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތުގައި ޖިނާއީ އިޖްރާތުގެ ޤާނޫނު ސަސްޕެންޑްކޮށްފައިވާތީ އެ ޤާނޫނުގެ ދަށުން ލިބިދޭ އެއްވެސް ހައްޤެއް ޢަބްދުﷲ ސައީދަށް ލިބިވަޑައިނުގަންނަވާނެކަމަށެވެ. އެހެންނަމަވެސް މައްސަލަ ކުރިޔަށް ގެންދާނީ އާއްމު އިޖުރާއަތުގެ ދަށުންކަމަށެވެ. އަދި އިންސާފުވެރި ޝަރީއަތެއް ލިބިދިނުމަށް ކުރަންޖެހޭ ހުރިހާކަމެއް ޝަރީއަތުން ކުރަމުންގެންދާނެކަމަށްވެސް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވިއެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް އައިސް ޖީނާއީ އިޖްރާއަތުގެ ޤާނޫނަށް އަމަލުކުރަން ފެށުމުން ޝަރީއަތް ކުރިޔަށް ގެންދާނީ އެ ޤާނޫނާއި އެއްގޮތަށްކަމަށްވެސް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވިއެވެ. 

ޖިނާއީ އިޖުރާތުގެ ޤާނޫނަކީ އެކި ކުށްކުށުގައި ބަންދުކުރާ މީހުންނަށް ލިބިދޭ ހައްޤުތައް ބަޔާންކުރާ ޤާނޫނެވެ.

ދައުވާ އިއްވެވުމަށްފަހު ދައުލަތުގެ ވަކީލު ވިދާޅުވީ ދައުވާކުރާ ކުށް  ޢަބްދުﷲ ސައީދުގެ މައްޗަށް ސާބިތުވެއްޖެނަމަ ހަތަރު މަހާއި 28 ދުވަހުގެ ޖަލު ހުކުމެއް އަންނަނާނެކަމަށެވެ. އެހެންނަމަވެސް ޝަރީއަތުގެ ތެރެއިން ކުށަށް އިއުތިރާފުވާނަމަ އެ އަދަބު 3 މަހާއި 12 ދުވަހަށް ލުއި ކުރެވޭނެކަމަށްވެސް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ. 

ދައުލަތުން ދައުވާ އިއްވި ނަމަވެސް އެ ދައުވާއަށް ޢަބްދުﷲ ސައީދު ޖަވާބުދެއްވާފައެނުވެއެވެ. މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ޢަބްދުﷲ ސައީދު އެއްވެސް ވާހަކައެއް ދައްކަވާފައެއްނުވެއެވެ.