ޚަބަރު

އީޔޫގެ ޤަރާރަކީ ޤައުމަށް ކުރިމަތިވި މުސީބާތެއް - ޑރ.ޒިޔާދު


ދިނީގޮތުން ރާއްޖެއަށް މިހާރު ކުރިމަތިކުރުވާފައިވާ މުސީބާތަކީ ދުނިޔެމަތީގައި ކުރިމަތިވާ ބޮޑެތި މުސީބާތްތަކުގެ ތެރެއިން މުސީބާތެއްކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒިޔާދު ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިހެން ވިދާޅުވީ ޔޫރަޕިއަން ޔޫނިއަންއިން ރާއްޖެއާ ދެކޮޅަށް ނެރެފައިވާ ބަޔާނުގައިވާ ކަންކަމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީގެ ބަސް ހާމަކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި މި އޮތް އިސްލާމީ ވަހުދަތު ފަނޑުވުމެއްނެތި އަޅުގަނޑުމެންނާ ހަމައަށް ދަތި އެތަކެށް މަރުޙަލާތަކެއްގެ ތެރެއިން ކާބަފައިން ގެނެސްދީފަވާކަމަށެވެ. އެހެންކަމުން މިއަދުވެސް އެ ވަހުދަތު ފަނޑުވިޔަދީގެން ނުވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިއީ ހަމައެކަނި ސަރުކާރުގެ ޒިންމާއެއް ނޫންކަމަށާ ކޮންމެ ދިވެއްސެއްގެވެސް ޒިންމާއެއްކަމަށެވެ. އަދި މިއީ ސިޔާސީ ފިކުރަކަށް ބެލުމެއްނެތި އަދާކުރަންޖެހޭ ދީނީ ވާޖިބެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. 

"އަޅުގަނޑުމެންނަކީ އިސްލާމުންކަމަށްވާނަމަ ކުރިމަތިވެފައިވާ ކަންތަކުގައި އަޑުއުފުލަންޖެހޭ. ހައްޤުބަސް ބުނަންޖެހޭ. ރާއްޖެއާއި ރާއްޖޭގައި އޮތް ދީނުގެ ހައްޤުގައި ބަސްބުނަން ޖެހޭ. ދަރިންނާ ދަރިންގެ ހައްޤުގައި ވާހަކަދައްކަންޖެހޭ. ދީނީ މިނިވަންކަން ދިނުމާއި، އެއްޖިންސުން ގުޅުން ހިގުމާއި މަރުގެ އަދަބުދިނުމަކީ ކަނޑައެޅުގެން ޤުރުއާންގައި ވަކި ގޮތަކަށް އަންގަވާފައިވާކަންކަން ކަމަށް." މިނިސްޓަރ ޑރ.ޒިޔާދު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އިސްލާމީ ފަތުވާދޭ އެންމެމަތީ މަޖިލީހުގެ ރައީސް ފަޟީލަތުއްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ވިދާޅުވީ ރާއްޖެއަށް ދީނީ ގޮތުން ކުރިމަތިވެފައިމިވާ ކަމަކީ ސީޔާސީ މައްސަލައެއްގެ ގޮތުގައި ދެކިގެން ވާނެ ކަމެއްނޫންކަމަށެވެ. މިއި ދީނީ މައްސަލައެއްކަމަށާ އެއްވެސް އިސްލާމީ ޤައުމެއްގައި ގައިރުދީންތަކުގެ މީހުން އަޅުކަންކުރާ ތަންތަން ބިނާކުރުމަށާއި، އެހެންދީންތަކަށް ގޮވާލައި އެފަދަ ކަންކަކަމަށް ފުރުސަތުދިނުމަކީ މަނާ އަދި ހަރާން ކަމެއްކަމަށް ދިނީ އިލްމުވެރިން އެއްބަސްވެފައިވާކަމަށް ފަޟީލަތުއްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ވިދާޅުވިއެވެ.

"ޕާޓީތަކެއް ޤައުމުގައި އެބައޮތް. ކޮންމެ ޕާޓީއެއްގައިވެސް ތިބީ އިސްލާމުން.  ބޭރުގެ ޣައިރު މުސްލިމުން ގޮވާލާ މިފަދަ ގޮވާލުންތަކަށް އިޖާބަދީގެން ނުވާނެ.  ކޮންމެ ގޮތަކަށް ކަންކަން ހިނގާދިޔަނަމަވެސް އަޅުގަނޑުމެން ތިބެންޖެހޭނީ މިގޮތުގައި. އިސްލާމްދީނުގެ މަތީގައި. ދީނަށް އުނިކަން އަންނާނެ އެއްވެސް ކަމެއްކޮށްގެން ނުވާނެ" ފަޟީލަތުއްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ވިދާޅުވިއެވެ.

ފަޟީލަތުއްޝައިޚް މުޙައްމަދު ރަޝީދު އިބްރާހިމް ވިދާޅުވީ ކިތަންމެ ބޮޑެތި ހަތިޔާރެއް ހިފައިގެން އައިކަމުގައި ވީނަމަވެސް ފަހަތައްޖެހި ބިރު ގަނެގެންނުވާނެކަމަށާ އަޅުގަނޑުމެން މުސްލިމުން ބިރުވެތިވާން ޖެހެނީ ހަމައެކަނި ﷲ ސުބުހާނަހޫ ވަތައާލާއަށް އެކަނި ކަމަށެވެ. އިސްލާމްދީނަށް އުނިކަން އަންނާނެކަން ރާއްޖޭއާއި ދެކޮޅަށް އީޔޫއިން ފާސްކުރި ޤަރޫރުގައި ހިމަނާފައިވާތީ އެކަމާދެކޮޅަށް ގިނަ ދިވެހިން ދަނީ އަޑުއުފުލަމުންނެވެ.